މިދުވަސްވަރު ޑޮލަރުގެ އަގުހެޔޮވީ ފައިސާ ޗާޕުކުރުން ހުއްޓާލުމުން ކަމަށް ބުނެ، މި ސަރުކާރުގެ ބައެއް އިސްވެރިން ހަދަނީ ދޮގު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިމަހުގެ ހަޔެއްގައި ދ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އަހަރު ފެށޭކޮޅަކީ ރާއްޖޭގެ ރެވެނިއު އިތުރުވާ ދުވަސްވަރެއް ކަމަށާއި، އެއީ ތަބީއީގޮތުން އެކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިފްހާމް ހުސައިންގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ރޭ ވިދާޅުވީ ޑޮލަރުގެ އަގު 17.50 ރުފިޔާގައި ހިފެހެއްޓިފައި އޮތް ކަމަށް ފަހުރުވެރިކަމާ އެކު ސަރުކާރުން ބުނި ނަމަވެސް، 2023ގެ މި މުއްދަތުގައި ޑޮލަރުގެ އަގު ހުރީ 16.70 ރުފިޔާއަށް ކަމަށް ވިދާޅުވި އެވެ. އަދި 2022 ވަނަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ޑޮލަރުގެ އަގު ހުރީ 16.20 ރުފިޔާގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ ތަބީއީ ގޮތުން ރާއްޖޭގެ ރެވެނިއު އެންމެ މަތިވާ ދުވަސްވަރު ކަމަށްވާތީ، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ދުވަސްވަރު ކަމަށް ވާތީ، މިކަން އާންމުކޮށް ވަމުން އަންނަ ގޮތް. އަޅުގަނޑު ބޭނުންވަނީ މި ރޭޓުގައި ވީހާ ވެސް ދަށްކޮށް ޑޮލަރު ލިބޭ ގޮތަށް ހުރުން. މިކަން ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު،" ސޯލިހު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ރައްޔިތުންނަށް އޮޅުވާލައި، މާ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ޑޮލަރުގެ އަގު ދަށްކުރީކަމަށް ހެދީމަކާއެއް ރަނގަޅެއް ނޫން. އެއީ އެ ހަދަނީ ދޮގު. އޮޅުވާލަނީ. އިސްރާފު އެ ކުރައްވަނީ."
ކޮވިޑާ ހެދި އިގުތިސާދު އަޑިއަޅާލުމުން ކުރީގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށް، ފައިސާ ޗާޕުކުރި އެވެ. އެ ހާލަތު ދަންމާލައި އެ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ ދިނެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާނުލި ނަމަ، ދިވެހިރާއްޖެ ބަނގުރޫޓުވެ، ޑޮލަރުގެ އަގު އަތު ނުޖެހޭ ވަރަށް އުފުލޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގްތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ.