މިދިޔަ އަހަރު ރާއްޖެއަށް އެންމެ ހޫނުވީ މެއި މަހުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން އާއްމުކުރި 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެންމެ ހޫނުވީ މެއި މަހުގެ 26 ވަނަ ދުވަހުކަން ވަނީ ރިކޯޑް ކުރެވިފަ އެވެ. އެގޮތުން އެ ދުވަހު ހޫނުމިން ހުރީ 34.6 ޑިގްރީ ސެލްސިއަސްގައި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

ދެން އެންމެ ހޫނުވީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫއަށް ކަމަށް ވެސް މެޓްއިން ބުނެ އެވެ. އެ ދުވަހު 34.2 ޑިގްރީ ސެލްސިއަސް ރިކޯޑް ކުރެވިފައިވެ އެވެ.

އެންމެ ވައިގަދަ ކަމަށް ރިކޯޑްކުރެވިފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ހުޅުލެއަށެވެ. އެ ދުވަހު ހުޅަނގުން 55 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ދެވަނައަށް އެންމެ ވައިގަދަވީ މެއި މަހުގެ ފަސް ވަނަ ދުވަހު ސ. ގަމަށެވެ. އެ ދުވަހު ހުޅަނގު އުތުރުން 54 މޭލުގެ ބާރުމިނުގައި ވައިޖެހުނެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ އަހަރު އެންމެ ބޮޑަށް ވާރޭ ވެހުނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުޅުލެއަށެވެ. އެ ދުވަހު 179.7 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުނެ އެވެ. މީގެ އިތުރުން ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ސ. ގަމަށެވެ. އެ ދުވަހު 154.8 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް، މޫސުމާ ބެހޭ އިދާރާގެ 2023 ވަނަ އަހަރުގެ ރެކޯޑްތަކުން ދައްކަ އެވެ.

މި އަހަރުގެ މި ހިނގާ މާޗް އަދި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. އެގޮތުން ރާއްޖޭގެ ހޫނުމިން އިހުސާސްކުރެވޭ މިންވަރު އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދެއްވާފަ އެވެ. އެގޮތުން، އެންމެ ހޫނުގަދަވާ ވަގުތުގައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ކުޑަ ބޭނުންކުރުމާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ފެން ބުއިމާއި، އަވީގައި އުޅޭ ވަގުތު "ސަންލޯޝަން" ބޭނުންކުރުމުގެ އިތުރުން އަވި އައިނު އެޅުމަކީ މުހިންމު ކަމެކެވެ.