މާލޭގެ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ މާލެ ސިޓީ ކައުންސިލާ ހިއްސާކުރުމަށް އެ ކައުންސިލުން އެދިއްޖެ އެވެ.

ސިޓީ ކައުންސިލުން މިގޮތަށް އެދުނީ މި ރޯދަމަހާ ދިމާކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން އިންތިހާއަށް އިތުރުވެ، އާއްމު އުނދަގުލަކަށް ވެފައިވާތީ އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރުމަށް ޚާއްސަ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވިޑީއޯ 9341144 އަށް ވައިބަ އަދި ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުމަށް އެ މޭޔަރު އާދަމް އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.

ހޮޓްލައިންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ކުނި އަޅާ ފަރާތްތަކުގެ މައުލޫމާތު ޙިއްސާ ކުރެވޭނެ އިންތިޒާމު އެކައުންސިލުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން، ކުނި ޖަމާކޮށްފައި ހުންނަ ސަރަހައްދުތައް ސާފުކުރާއިރު ވެސް އަދިވެސް އެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭކަން ކައުންސިލުން ފާހަގަކުރެ އެވެ.

https://twitter.com/MaleCitymv/status/1771406797837930773

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގޭބިސީތައް ސާފުކުރުމަށްފަހު އުފެދޭ ބޮޑެތި ކުނި މަގުމައްޗަށް އުކާލާ މައްސަލަ އިންތިހާއަށް އިތުރުވެ އެވެ. މިގޮތަށް ކުނި އުކާލާ ފަރާތްތަކާމެދު ފިޔަވަޅު ވެސް އަޅަ އެވެ. އެގޮތުން، މި މަހުގެ ތެރޭގައި ވެސް 100 އަށްވުރެ ގިނަ މީހުން ވަނީ ކުނި އެޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފަ އެވެ. މަގުމައްޗަށް ކުނި އަޅާ މައްސަލަ ބޮޑުވެ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.