ރަޝިއާގެ ވެރިރަށް މޮސްކޯ އަށް ރޭގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާ ރާއްޖެ އިން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރޮކަސް ސިޓީ ކޮންސަޓް ހޯލަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ރަޝިއާ ސަރުކާރަށާއި ރައްޔިތުންނަށާއި ހާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް އެ ޕޯސްޓުގައި ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

މޮސްކޯގެ ކޮންސެޓް ހޯލެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި މަރާލި މީހުންގެ އަދަދު ވަނީ 100 އަށް އަރައިފަ އެވެ. ކެމޮފްލާޖް ޔުނީފޯމް އަޅައިގެން ހަމަލާދިން މީހުން އެ އިމާރާތަށް ވަދެ ބަޑި ޖަހައި، އަތުބޮމެއް އެއްލައި ގޮއްވާލާފައިވާ ކަމަށް އެ ތަނުގައި ހުރި އާރްއައިއޭ ނޮވޮސްތީ ނިއުސް އެޖެންސީގެ ނޫސްވެރިޔަކު ބުންޏެވެ. މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ އައިއެސް އިންނެވެ.

ރަޝިޔާގެ ނޫސް އެޖެންސީތަކަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ "ޓެރަރިސްޓް" ތަހުގީގެއް ފަށާފައިވާ ކަމަށާއި ރައީސް ވްލަޑިމިއާ ޕޫޓިންއަށް ވަގުތުން މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ރަޝިޔާގެ މޮސްކޯ އާއި އެހެން ބައެއް ސިޓީތަކުގައި އައިއެސް އިން ހަމަލާ ދީފައިވެ އެވެ. އަދި އެ ގައުމަށް ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރު އެމެރިކާ އިން މީގެކުރިން ދިޔައީ ދެމުންނެވެ. ވައިޓް ހައުސް އިން ބުނީ ކޮންސަޓް ފަދަ އެއްވުންތަކަށް ހަމަލާދޭން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކަށް ކުރިން ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ރަޝިއާގެ އެއާޕޯޓުތަކާއި ރޭލްވޭ ސްޓޭޝަން ފަދަ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވެ އެވެ.