އަލަށް ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މައްޗަށްގޮޅި މެދުދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައްބަޔަކު އެބަތިބިކަމަށެވެ. އެހެންނަކަމުން އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަމިއްލަ ގެދޮރު ހުރެ، އެ ގޭގައި ނުވަތަ އެ ގޯތީގައި ގެ އެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް، އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުތަކެއް ތައާރަފް ކުރުމަށް ނިންމާފައި ވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަމިއްލަ ގެދޮރު ހުރެ، އެ ގޭގައި ނުވަތަ އެ ގޯތީގައި ގެ އެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް، އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުތަކެއް ތައާރަފް ކުރުމަށް ނިންމާފައި ވަނީ،
ރައީސް މުއިއްޒު

އޭގެ ތެރެއިން އެއް ލޯން ސްކީމަކީ ފުރަތަމަ އަމިއްލަ ގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމެކެވެ.

ރައީސް ވިދާޅުވީ އެ ލޯނު ދޫކުރުމުގެ ފަންނީ އަދި ޓެކްނިކަލް މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި، ބާކީ ހުރި މަސައްކަތްތައް ނިންމާ ވަރަށް އަވަހަށް އެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށެވެ.

އަލަށް ގެދޮރު އިމާރާތް ކުރާނެ ތަނަވަސްކަން ނެތް މީހުންގެ އިތުރަށް މިހާރު ގެދޮރު އިމާރާތްކުރަން ފަށާ، މަސައްކަތް ނުނިމި ހުރި ފަރާތްތަކަށާއި ގެދޮރު މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ލުއި ލޯނު ދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މި ލޯނަށް އެދުމުގެ ފުރުސަތު މިއަހަރުގެ ތެރޭ ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ލޯނުތަކަކީ ހަމައެކަނި މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ޚާއްސަ ލޯނުތަކެއް ނޫން ކަމަށާއި މިއީ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށް ވެސް ޚާއްސަ ލޯނެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މާލެ ސަރަޙައްދުގައި މި މައްސަލަ ބޮޑުވެފައިވާ ކަމަށާއި އާބާދީގެ ގޮތުން ވެސް މާލޭ ސަރަޙައްދުގައި ގިނަ މީހުން ދިރިއުޅޭތީ ލޯނުގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ލިބޭނެކަން ފާހަގަކުރައްވާފަ އެވެ.

"ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސީލަކާއެކު ދާދި އަވަހަށް އެ ލޯން ސްކީމަށް ހުޅުވާލާނެ. މިއީ ކޮންވެންޝަނަލް ލޯނު އަދި އިސްލާމިކް ފައިނޭންސްގެ ލޯން،" ރައީސް ވިދާޅުވި އެވެ.

"ހޯމް ކޮމްޕްލިޝަން ލޯން" އަދި "ރިނޮވޭޝަން ލޯން" އެ އަށް ވުރެ ތަންކޮޅެއް ލަސްވި ނަމަވެސް އެ ދެ ލޯނު ވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މުޅި ރާއްޖެއަށް ދޫކުރާ އެ ލޯނުތަކަކީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް މުހިންމު ލޯނުތަކަކަށް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.