ރާއްޖޭގައި ދެމުން އަންނަ ބްރޯޑްބޭންޑް ޚިދުމަތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓާކޮށް ބެލެހެއްޓަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިނިސްޓްރީން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި ކޮންސަލްޓެންސީއަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވިސް (ސީއޭއެމް) އަށް ބޭނުންވާ ފުރިހަމަ މޮނިޓަރިން އެންޑް ރިޕޯޓިން ފްރޭމްވޯކެއް ގާއިމުކޮށް، އިންޓަނެޓް ފޯރުކޮށްދޭ އުމްރާނީ ވަސީލަތްތަކާއި ހިދުމަތްދޭ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތަށް ހިދުމަތް ފޯރުކޯށްދޭކަން ކަށަވަރުކުރުމެވެ.

މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްބޭންޑް ޚިދުމަތް ދޭގޮތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓާކޮށް ބެލެހެއްޓުމަށް، ބޭނުންވާ އާލާތްތައް ދެނެގަތުމާއި، މިފަދަ އާލާތްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އޯޕަން އެކްސެސްއާއި އިންސާފުވެރި ވާދަވެރިކަން ކުރިއެރުވުމަށް ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްތައް އެކުލަވާލުމާއި އަޕްޑޭޓްކުރުން އެ މަސައްކަތުގައި ހިމެނެ އެވެ. އަދި ރެގިއުލޭޓް ކުރުމުގެ އިތުރުން މި ދާއިރާ ހަރުދަނާ ގޮތެއްގައި މޮނީޓަރކޮށް ބެލެހެއްޓުމަށްޓަކައި ކޭމްގެ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް، މުވައްޒަފުންނަށް ބޭނުންވާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ދެނެގަތުން ވެސްް ހިމެނޭ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިން ފާމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންނަ އޭޕްރިލް 25 ވަނަ ދުވަހު ގަޑިން 10:00 ހުށަހަޅަން ޖެހެ އެވެ.