ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މައާފްކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާނެ ކަމަށް ފެނާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ފެނާއި ކަރަންޓު ބިލް ނުދައްކާ މީހުންގެ ޖޫރިމަނާތައް މައާފްކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ބުނެ އެވެ.
މިކަމާއި ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން އެމްޑަބްލިއުއެސްސީން ޖޫރިމަނާ މައާފްކޮށްދޭނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލްތަކަށް ކަމަށެވެ. އެއްފަހަރާ ބިލް ދެއްކި ނަމަވެސް އަދި ބައިބަޔަށް ބަހާލައިގެން ދެއްކި ނަމަވެސް ޖޫރިމަނާ މައާފްވާނެކަމަށް މަތީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ބިލް ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ އަދަދު ގާތްގަނޑަކަށް 17 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ފެނުގެ އަގު ނުދެއްކިގެން 45 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ކުންފުނީގެ އާމްދަނީއަށް އިތުރުވާ އަދަދަކަށް ވާނެ ކަމަށް މަތީން ވިދާޅުވި އެވެ.
"ލުއިފަސޭހަ ކަމަށް އަމަލުކުރަން އެމްޑަބްލިއުއެސްސީން ފަށާނީ އޭޕްރީލް މަހުން ފަށައިގެން މި އަހަރުގެ ނިޔަލަށް. ރަނގަޅު މުއްދަތެއް އެބަދެވޭ ރައްޔިތުންނަށް މި ފަސޭހަކަން ލިބިގަންނަން،" އޭނާ ވިދާޅުވި އެވެ.
މަތީން ވިދާޅުވީ އެމްޑަބްލިއުސްސީގައި 70،000 ކަސްޓަމަރުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 60،000 ކަސްޓަމަރުންނަކީ ޑޮމެސްޓިކް ކަސްޓަމަރުން ކަމަށެވެ. އަދި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ބިލްތައް ނުދެއްކި އެ ކެޓަގަރީއަށް ފޯލްވަނީ ގާތްގަނޑަކަށް 3000 ކަސްޓަމަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމަށް ތަންފީޒްކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ. ޖޫރިމަނާ މައާފްވެގެން ދިއުމުން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބި އާންމު ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ރަށްރަށުން އެބަހުރި ބިލްތައް ނުދެއްކި ބޮޑެތި ބިލްތަކެއް އަރައިގެން ގޮސް ޖޫރިމަނާތައް އަރައިގެން ދިޔައީމަ ބިލްތައް ނުދެއްކި ތަކުލީފުގައި އުޅެންޖެހިފައި ތިބި ފަރާތްތައް އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވިފައި އެބަހުރި. މި ބިލްތައް ނުދެއްކި މިއޮތީ ޖޫރިމަނާގެ ވަރަށް ބޮޑުބައެއް އަރާފައި އޮތުމުން. އަދި އާންމު ރައްޔިތުން ވަރަށް ބޮޑު ދަރަންޏަކުން ސަލާމަތްވެގެންދާނެ." މުއާޒް ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ބިލްތައް މައާފްކޮށްދޭން ހަމަޖެހިފައި ވަނީ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށެވެ. އަދި ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހާއި ހަމައަށް ނުދެއްކި ހުރި ފައިސާއަށް އަރާފައި ހުރި ޖޫރިމަނާ މައާފްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭޕްރީލް އެކަކުން ފެށިގެން މިއަހަރު ނިމެންދެން އަޅުގަނޑުމެން ބަހާލަމިދެނީ ފައިސާ ދެއްކުމުގެ ފުރުސަތު. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ފަރާތްތަކަށް ނުވަތަ ކަސްޓަމަރުންނަށް އަޅުގަނޑުމެން މި ޖޫރިމަނާ މައާފްކޮށްދެއްވަނީ. މީގެ ތެރޭގައި ބައެއް ކަސްޓަމަރުން އެބައުޅޭ ދައްކަންޖެހޭ އަދަދަށް ވުރެ ޖޫރިމަނާ ބޮޑުވެފައި ތިބި ކަސްޓަމަރުންވެސް ނުދެއްކި ހުރެ ހުރެ ގިނަދުވަސް ވެފައި ހުރުމުގެ ސަބަބުން. އެހެންވީމަ މި ފުރުސަތުގެ ބޭނުން ހިއްޕެވުން ވަރަށް މުހިންމު." ފަހުމީ ވިދާޅުވި އެވެ.