ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި އެވެ.

ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީގެ ޕްރޮފެސަރުންތަކެއް ހިމެނޭ ޓީމަކުން ޑިޒައިންކުރި ހުޅުމާލެ 2ގެ ބައެއް މަގުތަކަށް އަރާގޮތަށް މާލޭ މީހުންނަށް ގޯތިދިންއިރު، އެކަމުގެ ޒިންމާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު ކުރީ ސަރުކާރުން އަންގައިގެން ހުޅުމާލެ 2 އިން ގޯތި ދޫކުރީ އެޗްޑީސީގެ އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ދިން ޗާޓަކާއެއް ގޮތަށެވެ. އެ ޗާޓުގައި ހުސް ބިންތަކާއި މަގުތައް ވަކި ނުކޮށް އޭރުގެ ހައުސިން މިނިސްޓްރީއަށް ގޯތި ދޫކުރާނެ ސަރަހައްދުތައް އެންގީ އެޗްޑީސީންނެވެ.

ގޯތި ދޫކުރަން ނިންމި ހުޅުމާލެ 2ގެ ބައެއް ސަރަހައްދުތަކުގެ މަގުތައް އެޗްޑީސީން ހަލާކުކުރަނީ. ފޮޓޯ: އެޗްޑީސީ

އެކަމަކު މިހާރު އެކަމުގެ ޒިންމާ ނުނަގައި، އެޗްޑީސީން ވަނީ ހުޅުމާލެ 2 އިން ގޯތި ދޫކުރީ މަގުތަކެއް ހިމެނޭ ގޮތަށް ކަމަށް ބުނެ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

އެޗްޑީސީ އިން އިއްޔެ ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ހަވާލުކުރުން އަވަސްކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ގޯތި ދޫކުރަން ނިންމި ހުޅުމާލެ 2ގެ ބައެއް ސަރަހައްދުތަކުގެ މަގުތައް އެޗްޑީސީން ހަލާކުކުރަނީ. ޕްލޭންކޮށްގެން ތަރައްގީކުރަން ފެށި ހުޅުމާލެ 2ގެ މުޅި ޕްލޭން މިހާރު ވަނީ ވިއްސިވިހާލިކޮށްފައި. ފޮޓޯ: އެޗްޑީސީ

މި ގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް ހާޢްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭ 2 އިން 1،300 އަށްވުރެ ގިނަ ގޯތި އެއްވެސް ޕްލޭނެއް ނެތި ދޫކުރުމުން މިހާރު އެތަނުގައި އިތުރު ސްކޫލާއި ޕާކު، ހޮސްޕިޓަލް، މިސްކިތް ފަދަ ކޮންމެހެން ހުންނަން ޖެހޭ ތަންތަން އަޅާނެ ބިމެއް ނެތެވެ.