މި ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލް އާންމު މަހަކާއި އެއްވަރަށް ކެޕްކުރުމަށް އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އަންގައިފި އެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ރޯދަ މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން އެކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި ހުންނަ ވަރަށް ރޯދަ މަހުގެ ކަރަންޓާއި ފެން ބިލް ހުންނާނެ ގޮތަށް ކަންކަން ހަމަޖައްސައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ މާޗް މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލްކުރާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓް އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މި ގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރަށް ބަލާފައިވާނީ މިދިޔަ އަހަރުގެ ރޯދަ މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށްފަހު ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާއިރު މި އަހަރުގެ މާޗް މަހުގެ ބިލަށް އަރާ އަދަދާއި ރޯދަ މަހުގެ ޑިސްކައުންޓްގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖް އަދަދު ބިލުން ފެންނަ ގޮތަށް ހިމެނުމަށް ހުރިހާ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.