ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރޭވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލުން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލީ 2020 ވަނަ އަހަރު އެވެ. އެކަން ހުއްޓާލުމުން ގިނަ ބަޔަކު ބޭންކަށް ފާޑުކިޔާފައިވެ އެވެ.

ސަރުކާރުން އަންގައިގެން އެ ބަދަލު ގެނައުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، މުއާމަލާތްކުރެވޭ ގޮތް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

މި ބަދަލާ އެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

"މި ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ. މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ،" ބީއެމްއެލް އިން ނެރުނު މިއަދު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިބަދަލާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ އާ ހަވާލީދީ ބޭންކުން ބުނީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާން ޖެހޭތީ، އެފާރަތްތަކަށް ފަސޭހައަކަށް ގެނައި ބަދަލެއް ކަމަށެވެ.

"މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ،" އޭނާއާ ހަވާލާދީ ބޭންކުން ބުންޏެވެ.