މާލޭގައި ޓެކްސީ ޑްރައިވަރުން އެކި އަގުތައް ނަގާ މައްސަލައިގައި އެކަން ރިޕޯޓް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ޓެކްސީ ޑްރައިވަރުން އެމީހަކު ހިތަށް އެރި އަގެއް ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެކުގައި ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މިނިސްޓްރީން ބުންޏެވެ. އެ ސިސްޓަމް ތައާރަފް ވުމާ އެކީގައި އެއާޕޯޓް ޓެކްސީ ކިޔުގައި ޖަހަންވީ ބޯޑާއި ދަތުރު ތަކުގެ އަގުތައް ވެސް ފެންނަން ހުންނާނެ އެވެ.

އަދި ޓެކްސީތަކުން ރަސްމީ އަގު ނޫން އަގެއް ނަގާ ނަމަ، ކިއުއާރު ކޯޑެއް ބޭނުންކޮށްގެން ރިޕޯޓް ކުރެވޭނެ މަގު ހަމަޖައްސާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.

ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.