އިންސާނުންގެ ލޯތައް ހައިރާން ކޮށްލާ ފަދަ އެތައް ތަނެއް މި ދުނިޔެ މަތީގައި ލައްވާފައިވާއިރު އެފަދަ ތަންތަނަކީ އެ ތަންތަން ހަމަލޮލުން ދެކިލުމަށްޓަކައި ފޮށި ތަންމަތި ބަނދެގެން ދަތުރުކުރާ ތަންތަނެވެ. އެއީ ކިތަންމެ އާދަޔާހިލާފު ތަނެއް ވިޔަސްމެ އެވެ.

އެފަދަ އެއް ތަނަކީ އިރުމަތީ ކެލިފޯނިއާގައި އޮންނަ "ޑެތު ވެލީ" ނަމަކަށް ކިޔާ ހަނަފަސް ސަހަރާ އެވެ. ގަދަ ހޫނާއެކު ވެސް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މި ތަނަށް ޒިއާރަތް ކުރެ އެވެ.

"ޑެތު ވެލީ"ގެ މަންޒަރެއް

ދުނިޔެ މަތީގައިވާ އެންމެ ހޫނުގަދަ ހިސާބުގެ ގޮތުގައި ބެލެވިފައިވާ "ޑެތު ވެލީ"ގެ ހޫނުމިން ހޫނު މޫސުމުގައި 50 ޑިގްރީ ސެލްސިއަސްއަށް މަތިވެ އެވެ.

މި ހޫނުގެ ސަބަބުން އެ ސަރަހައްދުގައި މާބޮޑު ދިރުމެއް އާލާ ނުވި ނަމަވެސް "ޑެތު ވެލީ"ގެ އަޖާއިބުކަމާއި އެތަނަށް ލިބިފައިވާ ހާއްސަ ސިފަތަކުގެ ސަބަބުން އެތަނަކީ ކެލިފޯނިއާގެ ފަތުރުވެރިންގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.

އެގޮތުން އެތަނުގައިވާ ވެލީގެ ފަރުބަދަތަކާއި ހޫނުގައި ހެދޭ މާތަކަކީ އެތަނަށް ޒިއާރަތްކުރާ މީހުން އެންމެ ޝައުގުވެރިވާ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

"ޑެތު ވެލީ"ގެ މަންޒަރެއް

އޭގެ ތެރެއިން ވެސް އެކި ކުލަކުލައިގައި ފެންނަ "ޑެތު ވެލީ"ގެ އާޓިސްޓް ޕެލެޓްސްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެ އެވެ. ގަދަ ހޫނުގެ ސަބަބުން އުފެދޭ އޮކްސިޑޭޝަންގެ ސަބަބުން އެ ފަރުބަދަތަކުގެ ވެލި ފެންނަނީ އެކި ފަހަރު އެކި ކުލައިގަ އެވެ.

އެމެރިކާގެ ތިމާވެށްޓާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 2019 ވަނަ އަހަރު "ޑެތު ވެލީ"ގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވެ އެވެ. އެ އަހަރު އެ ސަހަރާގެ ހޫނުމިން 53 ޑިގްރީ ސެލްސިއަސްގައި ރެކޯޑް ކުރެވުނެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒްއެއް ކަމަށްވާ ސްޓާ ވޯސްގެ ބެލުންތެރިންނަށް "ޑެތު ވެލީ"އަކީ އާ ތަނަކަށް ނުވާނެ އެވެ. އެ ފިލްމުގައި ފެންނަ ޕްލެނެޓް ޓަޓޯއިންގެ އަސްލު ކަމުގައި ބެލެވިފައި އޮންނަނީ "ޑެތު ވެލީ" އެވެ.

"ޑެތު ވެލީ"ގެ ހައިރާން ކުރުވަނިވި ސިފަތަކާއި އެމެރިކާގެ ޕޮޕް ކަލްޗާއާ ވާ ގުޅުމަކީ އެ ސަހަރާގެ ގަދަ ހޫނާއެކު ވެސް ގިނަ ބަޔަކު އެތަނަށް ދާން ބޭނުންވާ އެއް ސަބަބެވެ.

"ޑެތު ވެލީ"ގެ މަންޒަރެއް

ގަދަ ހޫނުގެ ސަބަބުން "ޑެތު ވެލީ"އަށް ޒިއާރަތްކުރާ ފަތުރުވެރިންނަށް ބައެއް ފަހަރު ހިތާމަވެރި ހާދިސާތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. އޭގެ ތެރޭގައި ހީޓް ސްޓްރޯކް ޖެހުމަކީ އެންމެ އާއްމު އެއް ކަމެވެ.

މިއާއެކު ވެސް "ޑެތު ވެލީ" ވެފައިވަނީ ކެލިފޯނިއާއަށް ލިބިފައިވާ ގުދުރަތީ ޚަޒާނާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޚަޒާނާ އަށެވެ. އެ ތަނަކީ ކެލިފޯނިއާގެ މީހުން ފަޚުރުވެރިވާ މަންޒިލެކެވެ.