ވައިގެ އުނދަގޫތަކަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު އާއްމުކޮށް ތަހައްމަލުކުރާ އުނދަގުލެކެވެ. ނަމަވެސް ރޯދަމަހު ވައިގެ އުނދަގޫތައް އިހުނަށްވުރެ އިތުރުވާ ކަމަށް ކޮންމެ މީހަކު ވެސް ޝަކުވާ ކުރެ އެވެ.
އެހެނީ ރޯދަ މަހު ވައިގެ އުނދަގޫތަކުގެ ސަަބަބުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިކަން މިހެން މެދުވެރިވަނީ ރޯދަމަހު ކެއިން ބުއިމުގައި ގެންގުޅެވޭ އާދަތަކުން ކަމަށް ވާއިރު އެކަމުން ދުރުހެލި ވެވޭނެ ގޮތްތައް ވެސް ހުރެ އެވެ.
އެގޮތުން ސަމާލުވާންވީ އެންމެ މުހިއްމު އެއް ކަމަކީ މާ ކުޅިގަދަކޮށް ނުކެއުމެވެ. ދިވެހިންނަކީ ކުޅިކޮށް ކާން ލޯބިކުރާ ބައެއް ނަމަވެސް މިގޮތަށް ކެއުމަކީ ވައިގެ އުނދަގޫތަކަށް މަގުފަހިވާ ކަމެކެވެ.
އޭގެ އިތުރުން ކެއްކުމުގައި ހަވާދުގެ ބާވަތްތައް ގިނަ ކުރުމަކީ ވެސް ވައިގެ އުނދަގޫވާ ކަމެކެވެ. އެހެން ކަމުން ދިވެހި ހަވާދުގަނޑެއްގައި ރިހަ ކައްކައިގެން ކެއުމުގެ ކުރިން އެކަމުން ނުކުންނާނެ ނަތީޖާއަކަށް ވިސްނާލަންވާނެ އެވެ.
ހަމައެއާއެކު ނުކައި ހުރުމަށްފަހު އެއްފަހަރާ މާ ގިނައިން ކެއުމަކީ ވެސް ބަނޑުގައި ވައި އުފެދި މަތިން އަރާގޮތް މެދުވެރިވާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
އޭގެ ބަދަލުގައި އެންމެ ރަނގަޅީ ކެއުމުގައި ތަކުރާރީއާއި މޭވާފަދަ ބާވަތްތައް ހިމެނުމެވެ. އެގޮތުގެ މަތިން ރޯދަ މަހު ދިމާވާ ވައިގެ މައްސަލަތައް މަދުވާނެ އެވެ