ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލަ ފުލުހުން ތަހުގީގު ކުރި ގޮތާއި އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުން އެ މައްސަލައާ ގުޅޭ މިންވަރު ފުލުހުން ހެއްކާ އެކުގައި ވީޑިއޯ ޕްރެޒެންޓޭޝަނަކުން ދައްކައިފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދެވެ. އެ މައްސަލަ ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަންޏެވެ.

ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ސާބިތުނުވާ ކަމަށް ބުނެ ސުނައިނާއި މުޖާހިދު މިނިވަންކޮށްފަ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާން ހިމެނެ އެވެ. އެކަމަކު، އޭނާ ހައްޔަރު ކުރުމުގެ ކުރިން ރާއްޖެ އިން ބޭރަށް ފިލައިގެން ދިޔަ ގޮތަށް އޭނާ އެއް ނުހޯދެ އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައާ ގުޅުން ހުރި ވީޑިއޯ ރިޕޯޓެއް ދެއްކި އިރު، ސީސީޓީވީ ފޫޓޭޖުން އެ މީހުން މާލެ އާއި ހުޅުމާލޭގައި ހަރަކާތްތެރިވާ ގޮތް ދައްކާފައިވެ އެވެ. މި މީހުން މަސްތުވާތަކެތި ގެންގުޅެފައި ވަނިކޮށް ފެނުނީ މެރީ ބްރައުން ކުރިމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުންނާއި ދެ ކާރެއްގެ ޑިކީ ތެރެއިންނެވެ. އޭގެ ތެރެއިން އެއް ކާރަކީ ޓެކްސީއެކެވެ.

މި ވީޑިއޯ ޕްރެޒެންޓޭޝަންގައި މަސްތުވާތަކެތި އަޅަން ވެގެން ބޭނުން ކުރި ފުޅިމަދު ފޮށިގަނޑުތަކާއި ދަބަހާއި ބެކް ޕެކް ފަދަ ތަކެއްޗާ މި މީހުންނާ ހުރި ގުޅުން ވެސް ފުލުހުންގެ ވީޑިއޯ ޕްރެޒެންޓޭޝަންގައި ދައްކައި ދިނެވެ. އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސުނައިނު އާއި، ޒުބައިރު އަދި މުޖާހިދުއާ ދެކޮޅަށް ދައުލަތުން ވަނީ ކޯޓަށް 56 ހެއްކެއް ހުށަހަޅައިފަ އެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މި ތަހުގީގުގައި މި ކޭސްގައި ހިމެނޭ ހަތަރު މީހުންނަށް ކުށް ސާބިތު ކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.