ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ވެގެން ދާނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ކަމުގައި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ ޕީއެންއެފަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ޕީއެންއެފް ވާނީ ދިވެހި މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކޮށް، ދިވެހި ގައުމިއްޔަތު އެންމެ ބޮޑަށް ހިމާޔަތް ކުރާނެ އިސްލާމް ދީން ކުރިއަރުވާނެ ޕާޓީއަށް ކަމުގައި މަލީހު ވިދާޅުވި އެވެ.
"(ޕީއެންއެފް ވާނީ) ރާއްޖޭގެ ހުރި މައްސަލަތަކަށް ވަކާލާތު ކުރުމުގައި އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ ޕާޓީއަށް. ޒުވާނުންގެ ޕާޓީއަށް، ރައްޔިތުންނަށް އުންމީދު ގެނެސްދޭ ޕާޓީ އަށް. ދިވެހިން ހަމަ އިސްކޮޅަށް ތެދު ކުރާނެ ޕާޓީއަށް، މި ޕާޓީގެ އަސާސީ ގަވައިދު އެކުލެވިގެން ދާނީ މި ދެންނެވި އަސާސްތަކުގެ މައްޗަށް." މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ޓެސްޓް ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ ލީޑަރެކެވެ. ޕީއެންއެފްގެ އަސާސީ ސިފައަކަށް ވެގެންދާނީ ޔާމީންގެ ފަލްސަފާ ކުރިއެރުވުމާއި ސިޔާސީ ފަލްސަފާގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުން އެދޭ ފަދަ އިސްލާހީ ހެޔޮ ބަދަލެއް ގެނައުމާ އެކުގައި ރާއްޖެ އަށް ތަރައްގީ ގެނައުން ކަމުގައި މަލީހު ވިދާޅުވި އެވެ.
ޔާމީން އިސްވެ އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުން އެ ޕާޓީ އުފެއްދުމުގެ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ދީފަ އެވެ. ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ވަގުތީ ލީޑަޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސްކުރުމަށް ބާއްވާ ޖަލްސާ އެކެވެ.