މޯލްޑިވިއަންގެ ދަތުރުތައް އައްޑު އާއި ކޫއްޑުއާ ދެމެދު ފަށަން ނިންމައިފި އެވެ.

"ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް" ދަށުން ފަށާ މި ހިދުމަތުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް، ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދިއުމުގެ މަގުފަހިވާނެ އެެވެ. އަދި މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމެއް ލިބޭނެ ވެސްމެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނީ މި އަހަރުގެ އޮކްޓޯބަރު 29 ގައި ކަމަށެވެ.

އޭގެ ފަހުން ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު އަދި އަންގާރަ ދުވަހު ގަމުން ކޫއްޑު އަށް އަދި ކޫއްޑޫ އިން ގަމަށް ދަތުރުތައް ބާއްވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ކޮންމެ ހަފުތާއަކު ވެސް ދަތުރުތައް ކުރާނީ:

  • އައްޑޫ އިން ކޫއްޑު އަށް: ކޮންމެ އަންގާރަ ދުވަހުގެ މެންދުރު 11:55 ގައި
  • ކޫއްޑޫ އިން އައްޑު އަށް: ކޮންމެ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައި

އެ އެއާލައިނުން ބުނީ، މިއީ ދެކުނުގެ ރަށްތައް ޓޫރިޒަމަށް ހުޅުވައިލުމަށް މި ސަރުކާރުން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ކުރަން ފަށާ ދަތުރުތަކެއް ކަމަށެވެ.

ދެކުނުގައި އަލަށް ފަށާ މި ދަތުރުތަކުގެ ސަބަބުން ދިވެހިންގެ އިތުރުން ޓޫރިސްޓުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ ވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ބުކިން ހެދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިން އޮފީސްތަކުން މިހާރު ބުކިން ހެއްދޭނެ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ.