ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލަނީ ގިނަ ފަހަރަށް އިންތިހާބުވެފައިވާ ވެރިން ކަމަށާއި ޑިމޮކްރަޓިކް ނިޒާމާ މެދުގައި މީހުންގެ އިތުބާރު ގެއްލެމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނިއުޒިލެންޑްގެ ވެރިރަށް ވެލިންޓަންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން ފޯރަމްގައި ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ނެތެމުން ދިޔުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކި ހިސާބުތަކުގައި އެކަން ހިނގަނީ އެކި ގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިމޮކްރަސީއާމެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޝާޙިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތުމުގެ ބަދަލުގައި އަމަލީ ގޮތުންވެސް ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރެވޭނީ ޑިމޮކްރަސީގެ ހަރުދަނާ ނިޒާމުގެ ތެރެއިން ކަމަށާއި މިނިޒާމަކީ ހަމައެކަނި މަތީފަންތީގެ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި އެންމެންގެ ހައްގުތައް ހިމާޔަތްކޮށްދޭ ނިޒާމެއް ކަމަށެވެ.

އެމްޑީޕީ އުފެދިގެން އައީ މި އަސާސްތަކުގެ މައްޗަށް ކަމަށާއި ބުރަ މަސައްކަތުން ކަށަވަރުކުރި ޑިމޮކްރެޓިކް ކުރިއެރުންތައް އެގޮތުގައި އޮވޭތޯ ޕާޓީން ކަށަވަރުކުރަމުންދާނެ ކަމަށް ޝާހިދު ވިދާޅުވިއެ ވެ.

މީގެ 16 އަހަރު ކުރިން ހޯދި ހައްގުތައް އެގޮތުގައި ދެމެހެއްޓުމަށް އެތަކެއް ދަތިތަކެއް ގިރާކުރަން ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ދަތިތަކުން ކޮންމެ ފަހަރުކުވެސް އެމްޑީޕީ އަރައިގަންނަކަން ޝާހިދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ޑިމޮކްރަސީއަށް މިހާރު މުޅި ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވާރާކޮށް، އެކަންކަމަށް ގެނެވޭނެ ހައްލުތައް ހޯދުމަށް އައިޑީޔޫ ފޯރަމްގެ ބައިވެރިންނަށް ޝާހިދު ގޮވާލެއްވި އެވެ. އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކަށާއި މަލްޓިލޭޓަރަލިޒަމްއަށް އެތަކެއް ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރަޙައްދީ އިންތައް ހުރަސްކޮށް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޝާހިދު ގޮވާލެއްވި އެވެ.