ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަކަށް ތާއީދު ކުރި ސްޓެލްކޯގެ ވ. ފެލިދޫ އިންޖީނުގޭގެ މުވައްޒަފަކު ދުރު ރަށަކަށް ބަދަލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ސްޓެލްކޯގެ މެނޭޖަރަކަށް ހުއްޓައި އިބްރާހީމް މުނާޒް ވަނީ ޓެކްނިކަލް ސްޓާފަކަށް ބަދަލުކޮށްފަ އެވެ.

އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ތާއީދު ކުރަން އޭނާ ނިންމުމާއެކު އދ. މަންދޫ އިންޖީނުގެއަށް އޭނާގެ ވަޒީފާ ވަނީ ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އަލީ ޒާހިރު އެކްސްގައި ވިދާޅުވީ މުނާޒްގެ ފަރާތުން މަސައްކަތަށް ފަރުވާ ކުޑަ ކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ.

އެފަދަ އިން އަމަލުކޮށްގެން ރައްޔިތުންގެ ލޯބި ލިބޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

https://twitter.com/alixahir/status/1776293133908951311

ފެލިދޫ ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަނބިދަރިއެއް ކަމަށްވާ އާދަމް ޒާހިރެވެ.

އާދަމް ޒާހިރަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށްޓަކައި ސަރުކާރުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް އެ ދާއިރާގެ ރައްޔިތުން ތުހުމަތު ކުރެ އެވެ.