މިއަދަކީ މި އަހަރުގެ ފިތުރު އީދަށް ވާއިރު މިއަދުގެ މެންދުރު ސުފުރާއަކީ ގިނަ ބަޔަކު އިންތިޒާރުކުރާ ކެއުމެކެވެ. އެހެން ކަމުން މި ގެނެސްދެނީ މިއަދުގެ އީދު ސުފުރާ ފަޅުފިލުވައިދޭނެ ރަަހަމީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 ގަނޑު ރޯމަސް (ބުރިކޮށްފައި)
  • 1 ޖޯޑު ދެވި ހަވާދު (ފުނޑާފައި)
  • 2 ޖޯޑު ކާށިކިރު
  • ½ ޖޯޑު ކާށިކިރު (ބޯކިރު)
  • 1 ފިޔާ
  • 1 ލޮނުމެދު
  • 1 ގިތެޔޮ މިރުސް
  • 10-15 ހިކަނދިފަތް
  • 2 ރާނބާފަތް
  • ލޮނު (ރަހަލާ ވަރަށް)
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް

  1. މަސްކޮޅުތައް ތުނިތުނިކޮށް ފޮތިކޮށްލާށެވެ. ދެން، ½ ޖޯޑު ދެވިހަވާދު ބޭނުންކޮށްގެން މަސްފޮތިތަކުގެ ތެރޭގައި ހަވާދު ހާކާލާށެވެ. އެއަށްފަހު، މަސްކޮޅުތައް ރީތިކޮށް އޮޅާލުމަށްފަހު، ކޮންމެ މަސްކޮޅެއް، (ތުނިކޮށް ނަގާފައިވާ) ރާނބާ ފަތްކޮޅަކުން، އައްސާލާށެވެ.
  2. ތެއްޔަށް ތެޔޮ ފޮދެއް އަޅައި އުނދުން މައްޗަށް އުދާށެވެ. ތެޔޮފޮދަށް ހޫނުވުމުން، އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި ރާނބާފަތް ކޮށާލުމަށްފަހު، އަޅާށެވެ.
  3. ފިޔާކޮޅު މޯޅިވުމުން، ލޮނު އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން، ދެވި ހަވާދުކޮޅުގެ ބާކީބައި އަޅައި، މޯޅިކުރި ފިޔާކޮޅާއި އެއްކޮށްލާށެވެ.
  4. އެއަށްފަހު، އޭގެ ތެރެއަށް 2 ޖޯޑު ކާށިކިރު އަޅާށެވެ. ބޮކި ޖަހާފައި ކެކެން ފެށުމުން، ތައްޔާރު ކުރި މަސްކޮޅުތައް އަޅާލާށެވެ. މަސްކޮޅުތައް ރޯފިލަންދެން ކައްކާލަން ވާނެއެވެ.
  5. ރަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ބޯކިރުފޮދު އަޅާށެވެ. ދެން، ތިން ވަރަކަށް މިނެޓް ވަންދެން މަޑު ގިނީގައި ބަހައްޓައިގެން، ރިހަފޮދު ކައްކާލާށެވެ. އުނދުންމަތީން ބޭލުމުގެ ކުރިން، ލޮނުރަހަ ހެޔޮވަރު ކޮށްލަން ވާނެއެވެ