ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުން ފުލުހުން ނުކުމެ ހުއްޓުވައިފި އެވެ.
ފުލުހުން ވަނީ ސްކޫލްގެ ގޭޓް ބަންދުކޮށް، އެތަނަށް ވަންނަން ދިޔަ މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ވަނުމަށް ވެސް ވަނީ ހުރަސް އަޅައިފަ އެވެ.
އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ޣިޔާސުއްދީން ސްކޫލް ސަރަހައްދުގައި ހުރި ފުލުހުންނާ އެކަމާ ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ.
ޖަވާބުގައި އެ ފުލުސް މީހާ ބުނީ އެ ޖަލްސާ ހުއްޓުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން މެއިލްއެއް ކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހިމަދު ޝިފާން ފުލުހުންގެ ވަޓްސްއެޕް ގްރޫޕޫގައި ނޫސްވެރިން ކުރިން ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ހުއްދަދެވިފައި ނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެހެންވެ އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުންދަނީ އެޓެންޑް ކުރަމުން ކަމަށް ޝިފާން ވިދާޅުވި އެވެ.
ނަމަވެސް މަލީހު ވިދާޅުވީ ގިޔާސުއްދީން ސްކޫލުން ދީފައިވާ ހުއްދައިގެ ލިޔުން އެ ބޭފުޅުންގެ އަތުގައި އެބައޮތް ކަމަށެވެ.
ފުލުހުންގެ މިއަމަލާ ގުޅިގެން އެތަނަށް އެއްވެ ތިބި މީހުން ދަނީ ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.