އިންޑއާގައި އިއްޔެ ފާހަގަކުރި ފިތުރު އީދުގެ މުނާސަބަތުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އޭނާގެ ސަޕޯޓަރުންނަށް އީދު ހަދިޔާއެއް ދީފި އެވެ.

އެގޮތުން ސަލްމާން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ނަމާއި އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހު އިއްޔެ ހާމަކޮށްފަ އެވެ.

"ސިކަންދަރް"ގެ ނަމުން ނަން ދީފައިވާ ސާޖިދު ނަޑިއަވާލާގެ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.

ސަލްމާން އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި މެސެޖެއްގައި ވަނީ މި އަހަރު އީދުގައި އަކްޝޭގެ "ބަޑޭ މިޔާ ޗޯޓޭ މިޔާ" ބަލަން ދިއުމަށާއި އަންނަ އަހަރު ސިކަންދަރުއާ ބައްދަލު ކުރަން އައުމަށް އެދިފަ އެވެ.

އާއްމުކޮށް ކޮންމެ އަހަރަކު ވެސް ފިތުރު އީދުގެ ދުވަސްވަރަކީ އިންޑިއާގެ ސިނަމާތަކުގައި ސަލްމާންގެ ފިލްމެއް ރިލީޒް ކުރެވޭ ދުވަސްވަރެއް ނަމަވެސް މި އަހަރު އޭނާގެ ފިލްމެއް ރިލީޒެއް ނުކުރެ އެވެ.

އޭގެ ބަދަލުގައި މިހާރު ސިނަމާތަކުގައި އަޅުފައިވަނީ އަކްޝޭގެ "ބަޑޭ މިޔާން ޗޯޓޭ މިޔާން"ގެ އިތުރުން އަޖޭ ދޭވްގަންގެ "މައިދާން" އެވެ.