އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުކަމުން ދުރަށް ގޮސް މިހާރު އާއްމު ދިރިއުޅުމެއް އުޅެމުން އަންނަ ކުރީގެ ޝާހީ ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލް އެމީހުންނަށް ލިބިފައިވާ ދެކުދިންގެ ނަން ބަދަލުކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ހެރީއާއި މޭގަން އެމީހުންގެ ދަރިން ކަމަށްވާ އާޗީ އާއި ލިލިބެޓްގެ ނަމުން އިނގިރޭސި ޝާހީ އާއިލާގެ އާއިލީ ނަން ވަނީ ދުރުކޮށްފަ އެވެ.

އެގޮތުން އެ ދެކުދިންގެ ނަމުގެ ފަހަތަށް މީގެ ކުރިން ލާފައިވާ މައުންޓްބަޓެން ވިންޑްސާ އުނިކޮށް އޭގެ ބަދަލުގައި ސަސެކްސް ވަނީ އިތުރުކޮށްފަ އެވެ. މިހާރު އެ ދެކުދިންގެ ނަމަކީ އާޗީ ސަސެކްސްއާއި ލިލިބެޓް ސަސެކްސް އެވެ.

ޝާހީ އާއިލާގެ ރަސްމީ އާއިލީ ނަން އާޗީއާއި ލިލިބެޓްގެ ނަމުން އުނި ކުރި ނަމަވެސް އޭގެ ބަދަލުގައި އިތުރުކޮށްފައިވަނީ ވެސް ޝާހީ ރަސްކަމާ ގުޅުންހުރި ނަމެކެވެ. ސަސެކްސްއަކީ ހެރީއާއި މޭގަން އަށް ލިބުނު ޝާހީ ލަގަބެވެ.

ދެހާސް އަށާރަވަނަ އަހަރު ކައިވެނިކުރި ހެރީއާއި މޭގަން ޝާހީ އާއިލާއާ ދުރުވެ ވަކިން ދިރިއުޅެން ފެށީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.