ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ފަސް ކިލޯގެ ޑްރަގް އަތުލައިގެންފި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުލް ލަތީފް ބަލޮޗް 57، އެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އަބްދުލް ލަތީފް ރާއްޖެ އައިއިރު ގެނައި ދަބަހުގެ ތެރެއިން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވެ އެވެ. އަބްދުލް ލަތީފަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރުމުގައި ބައިވެރިވުން އޮތް މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބުނީ އެމީހާ އަތުން ފެނުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އަދި ދޫކޮށްލައިފި ނަމަ، ރާއްޖެ އިން ބޭރަށް ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.