ތެލް އަވީވް (އެޕްރީލް 14) - މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން އީރާނުން އިޒްރޭލަށް ރޭ ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުގެ ދެކުނުގައިވާ އަސްކަރީ މަރުކަޒަކަށް ގެއްލުންތަކެއް ލިބުނު ކަމަށް ޔަހޫދީ ދައުލަތުން އެއްބަސްވެއްޖެ އެވެ.

އީރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އަށް ވުރެ ގިނަ މިސައިލް އާއި ޑްރޯން ފޮނުވާލައިފަ އެވެ. އިޒްރޭލްގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައި ވަނީ މީގެ ތެރޭން ގިނަ އެއްޗެހި ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. އައިޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އެރޯ" އޭރިއަލް ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ބައެއް މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލި ނަމަވެސް އިޒްރޭލުގެ ދެކުނުގައިވާ އައިޑީއެފްގެ މަރުކަޒަކަށް ހަމަލާތައް އަރައި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އައިޑީއެފްގެ ތަރުޖަމާނަކު އިތުރަށް ބުނެފައި ވަނީ މިސައިލް ހަމަލާތަކުގައި އިޒްރޭލުގެ ކުޑަ އަންހެން ކުއްޖަކު ވެސް ޒަޚަމްވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެ އެވެ.

އެމެރިކާ އިން ބުނެފައި ވަނީ އީރާނުން އިޒްރޭލަށް ފޮނުވާލި ބައެއް މިސައިލްތައް ވައްޓާލާފައިވާ ކަމަށެވެ.

އީރާނުން އިޒްރޭލަށް ހަމަލާދޭން ފެށީ ސީރިޔާގެ ދިމިޝްގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަކަށް އިޒްރޭލުން މި މަހު ކުރީކޮޅު ހަމަލާދީ ސިފައިންގެ އިސް އޮފިސަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުން ބުނެފައި ވަނީ އިޒްރޭލުން އިތުރު ހަމަލާއެއް ދީފި ނަމަ ބަދަލު ހިފުމުގެ އިތުރު ހަމަލާތައް ދޭނެ ކަމަށެވެ. އެމެރިކާ އިން ދަނީ އިޒްރޭލް ދިފާއު ކުރާނެ ކަމަށް ބުނެ އީރާނަށް އިންޒާރު ދެމުންނެވެ.