ޓްރީޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިއީ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ޓްރީޓޮޕް ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ. މި ޕްރޮސީޖާ ކުރިޔަށް ގެންގޮސްފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވާލް އަދި ހުނަރުވެރި ކާޑިއޮލޮޖީ ޓީމުންނެވެ.

ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ އަކީ ކޮބާ؟

ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ އަކީ ހިމަވެފައި ނުވަތަ ބްލޮކްވެފައިވާ ކިޑްނީއަށް ލޭ ފޯރުކޮށްދޭ ނާރުތައް ހުޅުވައިދޭ މިނިމަލީ އިންވޭސިވް ޕްރޮސީޖާއެކެވެ. ބޮޑެތި އޯޕަން ސާޖަރީތަކާއި ހިލާފަށް، މިފަދަ ޕްރޮސީޖާތައް ކުރިޔަށް ގެންދަނީ ވަރަށް ކުޑަ ކުޑަ އިންސިޝަނެއް ހަދައިގެންނެވެ. މީގެ ސަބަބުން ބަލިމީހާ ރިކަވާވެ އާއްމު ދިރިއުޅުމަށް ރުޖޫއު ވުމަށް ހޭދަވާ ވަގުތު ވަރަށް ކުޑަކުރެވެ އެވެ. މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުމާއި އެއާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންނަށް ދިރިއުޅުމަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ޕްރޮސީޖާއެކެވެ.

ޑރ. އަމިތު އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ ކާޑިއޮލޮޖީ ޑިޕާޓްމަންޓް

ޑރ. އަމިތު އަގަރްވާލް އަކީ ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ، ހިތުގެ ގިނަ ބަލިތައް ދެނެގަތުމުގައި ތަޖުރިބާކާރު އަދި ހުނަރުވެރި ޑޮކްޓަރެކެވެ. އޭނާ ވަނީ ނޭޕާލްގެ ގުންޖް މެޑިކަލް ކޮލެޖުން އެމްބީބީއެސް އަދި ނޭޕާލްގެ އިންސްޓިޓިއުޓް އޮފް މެޑިސިން ކަތުމަންޑޫއިން އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްޑީ ހާސިލްކޮށްފަ އެވެ. އަދި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެ، އިންޑިއާގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ތަމްރީނު ހޯއްދެވި އެވެ.

މީގެ އިތުރުން، ޑރ. އަމިތު ވަނީ ނޭޕާލްގެ ނޭޝަނަލް މެޑިކަލް ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު ފުރުއްވައި، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އަދި ހުނަރުވެރި ކާޑިއޮލޮޖިސްޓުންގެ ޓީމެއް ހިމެނޭ މި ޑިޕާޓްމަންޓަކީ ހިތުގެ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ޑިޕާޓްމަންޓެކެވެ. ޕްރިވެންޓިވް ސްކްރީނިން އާއި މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކުން ފެށިގެން ހިތުގެ ކޮމްޕްލެކްސް ބަލިތައް މެނޭޖްކުރުމުގެ ފަރުވާ މި ޑިޕާޓްމަންޓުން ލިބޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓްލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އާ ޚިދުމަތްތައް ތަޢާރަފް ކުރަމުންނެވެ.