ނިދާއިރު އޭސީ އާއި ފަންކާ ވެސް ޖަހާ މީހުން ވަރަށް ގިނަ އެވެ. އޭސީ 16 ގައި ހުންނައިރު ވެސް ފަންކާ ވެސް ފުލްކޮށްލައިގެން ނިދާ މީހުން އުޅެ އެވެ.
އޭސީ ޖައްސައިގެން ފަންކާ ވެސް ޖަހަނީ ފިނި ނުވާތީ ނޫން ކަމަށް މިގޮތަށް ކަންތައް ކުރާ ވަރަށް ގިނަ މީހުން ބުނެ އެވެ. އެ މީހުން ބުނަނީ ފަންކާ ނުޖަހާ ނަމަ މާ އަޑު މަޑު ކަމަށާއި ފަންކާގެ އަޑާ އެކު ފަސޭހައިން ނިދޭ ކަމަށެވެ. އަނެއް ބަޔަކަށް ބޭނުންވަނީ ފަންކާގެ ވައި އައުމެވެ. އެކަމަކު ފަންކާ އާއި އޭސީ އެއްކޮށް ޖައްސައިގެން ނިދުން އެއީ ރަނގަޅުކަމެއް ނޫނެވެ.
އެލާޖީ
އޭސީ ޖައްސާފައި ހުންނަ އިރު ކޮޓަރީގެ ތެރޭގައި އެކި ކަހަލަ ޑަސްޓް ނުވަތަ ކުނޑިކޮޅު އުޅޭ ނަމަ އެ ގުޑާނުލައި ހުންނާނެ އެވެ. ނަމަވެސް ފަންކާ ޖެހުމުން އެ ހުރިހާ އެއްޗެއް ކޮޓަރީގެ ތެރޭގައި ދައުރުވާން ފަށާނެ އެވެ. ފަންކާގެ ފިޔަތަކުގެ މަތީގައި ވެސް ހިރަފުހާއި ކުނޑި އެއްވެފައި ހުންނާނެ އެވެ. އަދި އޭސީ ޖައްސައި ފަންކާ ޖެއްސުމުން އިތުރަށް އެ ކުނޑިތައް ދައުރުވާނެ އެވެ. އެހެންވުމުން ސައިނަސް މައްސަލަ އުޅޭ މީހުންގެ އިތުރުން އެހެން މީހުންނަށް ވެސް އެކި ކަހަލަ އެލާޖީތައް ކުރިމަތިވެ އެވެ. އޭގެތެރޭގައި ރޯގާ ޖެހުމާއި ކިނބިހި އެޅުމުގެ އިތުރުން ނޭވާ ލުމަށް އުނދަގުވުން ހިމެނެ އެވެ.
ލޮލާއި ހަންގަނޑު ހިކުން
އޭސީ ޖައްސާފައި ހުންނަ ކޮޓަރިތަކަކީ ވައިގައި ތެތްކަން ނެތް ނުވަތަ ހިއުމިޑް ނޫން ކޮޓަރިތަކެކެވެ. އެހެންވެ، ފަންކާ ޖެހުމުން މުޅި ކޮޓަރިތެރެއަށް އެ ހިއުމިޑް ނޫން ވައިތައް ޖެހެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން ހަންގަނޑު ހިކެން މެދުވެރިވާނެ އެވެ. ހަންގަނޑު ހިކުމާއި ލޮލުގެ ތެރެ ހިކުން ވެސް މިކަމުގެ ސަބަބުން ދިމާވެ އެވެ. މިހެން ވުމުން ހަންގަނޑު ކުރަކި ވެ ހަލާކު ވެ އެވެ. އަދި ލޯ ހިކުމުން ބެލުމަށް އުނދަގުވެ ލޯ ހިރުވުން ފަދަ ކަންތައްތައް ކުރިމަތިވާނެ އެވެ.
ގައިގައި ރިއްސުން
އޭސީން ފިނި ވާއިރު ފަންކާ އެހާ ބާރަށް ޖަހާފައި ހުންނަ އިރު އެކަމުގެ ސަބަބުން މަސަލް ޓެންސް ވުން ނުވަތަ އަކުނިވަޔަށް ދެމުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގައި ހުންނާނީ ގިނައިން ސީލިންގު ފަންކާ އެވެ. މިފަދަ ފަންކާގެ ސަބަބުން މުޅި ކޮޓަރިއަށް ބާރު ސްޕީޑުގައި ވައި ޖެހޭނެ އެވެ. އެކަމަކު އޭސީގެ ފިންޏާ އެކު އެހާ ބާރަށް ގަޔަށް ވައިޖެހޭ ނަމަ ހަށިގަނޑަށް ނުރައްކާ ވެދާނެ އެވެ.