އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ދާއޫދުގެ ކެމްޕެއިން ޖަގަހައިގައި ރޯކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމް/ޕީއެންސީގެ ޖަގަހައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އިމާރާތުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަަބަބެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އަލިފާން ރޯވީ ކަމެއް ނުވަތަ ބަޔަކު ގަސްތުގައި ރޯ ކޮށްލީކަމެއް ވެސް ސާފެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރަނީ މުހައްމަދު ދާއޫދުއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލިސް އިންތިހާބުގައި ކެމްޕޭން ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު، އޭސީސީ އާއި އިލެކްޝަންސްއިން އަންނަނީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.