ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ފަނޑިޔާރުން ހަމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކުރައްވާފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ގިނަ ދުވަސްތަކެއް ފަހުން ހުކުމް އިއްވުމުގެ އަޑުއެހުން ވަނީ މިއަދަށް ތާވާލުކޮށްފަ އެވެ.
މިކަމާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް އިއްވެވުމަށް މިއަދަށް ތަވާލުކުރެއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޝުކުރު ދަންނަވާ ކަމަށާއި ނަމަވެސް އޭގެ އަނެއް ފުށުގައި ވެސް ކަމެއް އެބައޮތް ކަމަށެވެ. އަދި ކޯޓަށް އަންނަން ކިޔާފައިވީ ނަމަވެސް ތިން ބޭފުޅުން ތިއްބަވާ ބެންޗު ހަމަވާނެތޯ ނޫނިއްޔާ މީގެ ކުރިން ވެސް ކަން ހިނގާފައިވާ ގޮތަށް ބައެއް ބޭފުޅުން ސަލާމް ބުނެފައި ތިއްބަވާ ގޮތަށް ތިބޭނީތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ހިތާހިތާ ސުވާލު ކުރަން، މާދަމާ ބެންޗު ހަމަވާނެތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ މިއަދުގެ ޝަރީއަތަށް ބެންޗު ހަމަވޭތޯ ނުވަތަ ނޫންތޯ ބަލަން ރައްޔިތުން ފާރަވެރިވުމަށް ވެސް ގޮވާލާފަ އެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ. އަދި އިސްތިއުނާފުގެ މައްސަލަ ނުނިމި ލަސްވާތީ އެމަނިކުފާނާއި ވަކީލުން ވެސް ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.