ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ފެށުމަށް އެޗްޑީސީން ބޮޑު ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ.
މަޖްލިސް އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ހިޔާ ޓަވަރު 2ގައި ބޭއްވި ރަސްމިއްޔާތެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު އެ މަޝްރޫއު ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާ ހަވާލުކުރި ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު އެ ޓަވަރުތަކުގައި ހަރުކޮށްފައިވަނީ ޓަވަރެއްގައި ތިން ލިފްޓު އަދި ޖުމްލަ 54 ލިފްޓެވެެ. އިތުރު ލިފްޓު ހަރުކުރުމަށް ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައިވޭ ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކުރީ ހިޔާގައި އުޅޭ މީހުންނަށް ލިފްޓް މަދުވުމުން އަރައި ފައިބަން އުނދަގޫވެގެން ޝަކުވާކުރުމުންނެވެ.
މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރާނެ އެވެ. ޖުމްލަ 32 ލިފްޓް ހަރުކުރާއިރު ކޮންމެ ފްލެޓެއްގައި ޕެސެންޖާ ލިފްޓަކާއި ސްޓްރެޗާ ލިފްޓެއް ބަހަައްޓާނެ ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށެވެ.