އަލް ބުރޫޖްގެ ހަވާލުގައި މި ރަމަޟާން މަހު އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އަންނަން ހަމަޖެހިފައިވާ ދުވަހަށް ނާދެވުނު މީހުންނަށް މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ އައުމަށް ޓިކެޓް ނަގާފައިވާ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 39 މީހަކަށް އެއާޕޯޓަށް ގަޑިއަށް ނުދެވުމުގެ ސަބަބުން ވަނީ މާލެ ނާދެވި ޖިއްދާގައި މަޑުކުރަން ޖެހިފަ އެވެ. އެ ގްރޫޕްގެ މީހުން ފުރުމަށް ހަމަޖެހިފައި އޮތީ ސައުދިއާ އެއާލައިނުންނެވެ.
މިކަމާ ގުޅޭގޮތުން އަލް ބުރޫޖުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ކަނޑައެޅިފައިވާ ވަގުތައް އެއާޕޯޓަށް ނުދެވުނީ ބަސް ހޮޓަލަށް ދިއުން ލަސްވުމާއި، ޖިއްދާ އެއާޕޯޓްގެ ސެކިއުރިޓީގެ ކަންކަމުގައި ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން ކަމަށެވެ.
ހޮޓަލަށް ބަސް އައުން ލަސްވުމުގެ ސަބަބުން ސައުދީގެ އުމްރާ އެޖެންޓް ވަނީ އެކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާދާރު ކުރުވާނެ ކަމަށް ބުނެފައި ކަމަށް ގްރޫޕުން ނެރުނު ބަޔާނުގައިވެ އެވެ.
ފުރުން ލަސްވުމުގެ ސަބަބުން ގްރޫޕްގެ ފަރާތުން ވަނީ ދަތުރު ނިމެންދެން ސައުދީގައި އުމްރާވެރިން ތިބޭ މުއްދަތުގައި ކެއުމާއި ތިބުމުގެ އިންތިޒާމްތައް އެއްވެސް ޚަރަދަކާ ނުލައި ހަމަޖައްސާފައި ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެ ގްރޫޕްގެ ހަވާލުމުގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެމިރޭޓްސްއިން މާލެ އައުމަށް ހަމަޖެހިފައިވާ 27 މީހުންނަށް ވެސް ވަނީ ފުރޭ ގޮތް ނުވެފަ އެވެ. އެއީ ދުބާއީ އެއާޕޯޓްގައި ފެންބޮޑުވެ، އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކަމަށް އަލް ބުރޫޖު ގްރޫޕުން ބުންޏެވެ.
ނަމަވެސް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި އުމްރާވެރިން މިވަގުތު ތިބީ ޖިއްދާގައި އެއާލައިންގެ ޚަރަދުގައި ބައިތިއްބާފައި ތިބި ހޮޓަލެއްގައި ކަމަށް ވެސް އެ ގްރޫޕުން ބުނެ އެވެ.
އަލްބްރޫޖުގެ ހަވާލުގައި މި ރަމަޟާން މަހު 150 މީހުން އުމްރާއަށް ދިޔަ އެވެ.