އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ "ފަހިވޯޓު" މެދުވެރިކޮށް ބާއްވަން ނިންމައިފި އެވެ.
ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނިން ބުނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ)ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހި ވޯޓު" މެދުވެރިކޮށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ މިމަހުގެ 28ވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވާން ރެޖިސްޓާ ކުރައްވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ޖަލްސާގެ އެޖެންޑާގެ ގޮތުގައި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މި އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން އަދި މިދިޔަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން ހިމެނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި އިއްޔެ މެންދުރު 2:30 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަން ޖެހެ އެވެ. އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހަޅަން ވެސް ޖެހެ އެވެ.
މި ޖަލްސާގައި މިދިޔަ އަހަަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބެހުމަށް އުރީދޫގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މި އަދަދު ފާސް ކުރާނީ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.
އުރީދޫން ނެރުނު އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 181.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.