އިންޑިއާގެ ރާޖަސްތާނުގައި މިފަހުން ބޭއްވި އެއްވުމެއްގައި އެގައުމުގެ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު ނަރެންދްރާ މޯދީ މުސްލިމުންނަށް ކުރި ފުރައްސާރައަށް ބޮލީވުޑްގެ އެކްޓަރު ލާރާ ދައްތާ ތާއީދު ކޮށްފި އެވެ.
ލާރާ ބުނެފައިވަނީ ވަކި ބަޔަކަށް އަސަރު ކޮށްފާނެތީ ހަގީގަތް ހާމަ ނުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަމުގެ ހިތްވަރު މޯދީގެ ކިބައިގައި ހުރި ނަމަ އޭނާއަށް ސާބަސް ދޭންޖެހޭ ކަމަށެވެ.
"އަހަރުމެން އެންމެންނަކީ ވެސް އިންސާނުން. ހުރިހާ އެންމެން ރުއްސައިގެން އުޅުމަކީ އެއްވެސް މީހަކަށް ވާނެ ކަމެއް ނޫން" ލާރާ ބުންޏެވެ.
ރާޖަސްތާނުގައި ބޭއްވި އެއްވުމުގައި މޯދީ ބުނެފައިވަނީ ކޮންގްރެސް ޕާޓީގެ ވެރިކަން އެ ގައުމުގައި އޮތްއިރު ގައުމުގެ ގިނަ ވަސީލަތްތައް ބޭނުން ކުރަނީ މުސްލިމުން ކަމަށާއި އެ ޕާޓީއަށް އަލުން ބާރު ލިބިއްޖެނަމަ އެ ވަސީލަތްތައް ބޭނުން ކުރާނީ "ގިނައިން ދަރިން ހޯދާ" މީހުން ކަމަށެވެ.
މޯދީގެ މި ފުރައްސާރައާއެކު މުޅި އިންޓަނެޓު ދެބައިވެ ޝުއޫރު ފާޅު ކުރަމުން އަންނައިރު ލާރާއަކީ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކި ބޮލީވުޑްގެ އެންމެ ފުރަތަމަ ތަރި އެވެ.
ލާރާއަކީ 2000ގެ ކުރީކޮޅު ހިންދީ ފިލްމުތަކުން ފެނުނު ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ދާއިރާއާ ދުރުގައި ހުރި ފަންނާނެކެވެ.