އެމްޕީއެލް ސަރަހައްދުގައި ކްރޭނަކުން އުފުލި ޓާފް ރޯލެއް ވެއްޓި އޭގެ ދަށުވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ އިންޑިއާގައި މަރުވެއްޖެ އެވެ.

ކެރޭނެއް ބޭނުންކޮށްގެން މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ދޯންޏަކަށް ޓާފް ރޯލު އަރުވަނިކޮށް ވެއްޓި އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ އަށެވެ. މިހާދިސާގައި އޭނައަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވެ އެވެ. އަދި މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ގެންގޮސް ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުގައި އިމްރާނަށް ފަރުވާދެމުން ދަނިކޮށް މަރުވީ ރޭ 1:30 ހާއިރު އެވެ.

އިމްރާން މަަސައްކަތް ކުރަމުން ދިޔަ މިނާ އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއްގަ އެވެ.

އެ ހާދިސާއަށް ފަހު އެމްޕީއެލްއިން ބުނީ އެކުންފުނީގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީއިން މި ހާދިސާ ހިނގިގޮތް މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. އަދި ވަކިގޮތެއް އަންގަންދެން އެ އޮޕަރޭޝަނާ ގުޅުންހުރި މީހުން މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރަމުން ދިޔަ މީހަކަށް އަނިޔާވެ އެ މީހާ ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވެފަ އެވެ. އެމްޕީއެލްއިން ބުނާގޮތުގައި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުގެނައުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.