ކަރަންޓް ބިލް އިންތިހާއަށް ބޮޑުވެ އާންމުންގެ ފަރާތުން ކުރި ޕްރެޝަރާއެކު އެންމެފަހުން ކަރަންޓް ބިލުން ޑިސްކައުންޓްދޭން ސްޓެލްކޯއިން ނިންމައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ނިމިދިޔަ ރޯދަ މަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދޭން ނިންމައި، މިހާރު ފޮނުވާފައިވާ ބިލްތައް އަލުން މުރާޖައާކުރަން ނިންމާފައިވާ ކަމަށެވެ.

މީގެކުރިން ފަހުމީ ވަނީ ރައްޔިތުންނަށް ބިލް ފޮނުވީ ޑިސްކައުންޓާއެކު ކަމަށް ވިދާޅުވެ، ޑިސްކައުންޓް ނުލިބޭ ކަމަށް ދެކެވެމުންދިޔަ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަހުމީ ވިދާޅުވީ އެ ކުންފުނިން ދިން ކަރަންޓާއި ފެން ބިލުތަކުގެ ޑިސްކައުންޓުގެ އަގު 20 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުން އެކަން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ކުރިއަށްވުރެ ބިލްތައް އިންތިހާއަށް ބޮޑުވެފައިވާތީ އެވެ.

ކަރަންޓް ބިލްތައް ބޮޑުވެ އާންމުން ރުޅިގަދަވެފައިވާ މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށެވެ. ނަމަވެސް ފެނާއި ކަރަންޓު ބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.