އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަބްދުالله އުނައިސް އައްޔަނުކޮށްފި އެވެ.

އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އުނެއިސް މިއަދު އައްޔަނު ކުރީ, އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ, އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރުމުން، އެ މަގާމު ހުސްވެފައިވާތީ އެވެ.

ހަސަން ޒަކަރިއްޔާ މެމްބަރުކަމަށް އައްޔަން ކުރެއްވުމުން އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ހުންނެވީ ވެސް އުނައިސް އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން އިލެކްޝަން ކޮމިޝަނުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ އުނައިސް ވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

މީގެއިތުރުން މިއަދު އެ ކޮމިޝަނަށް ވަނީ ޑިރެކްޓަރަކާއި ޑެޕިއުޓީ ޑިރެކްޓަރަކު ވެސް އައްޔަނުކޮށްފަ އެވެ. އެ ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަނުގެ ޑިރެކްޓަރަކަށް އައްޔަނު ކުރީ އާމިނަތި އަޒީފާ އެވެ. އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އައްޔަނު ކުރީ ސީނާ ރަޝީދު އެވެ.