އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި އެވެ. ދެވަނަ ފަހަރަށް އޭނާ ހައްޔަރު ކުރީ އާންމުންގެ ޝަކުވާތައް އިންތިހާ އަށް ބޮޑުވުމުންނެވެ.

ނަބީލް ހައްޔަރު ކުރުމަށް ފަހުގައި ފުލުހުން ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިފަދަ މައްސަލައެއްގައި އޭނާއަށް މީގެކުރިން ވަނީ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ. ބަރަހަނާ ފޮޓޯ އާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރިކަން ސާބިތުވެ އޭނާއަށް ކުރީ އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.

ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ވަނީ އަނެއްކާވެސް އެފަދަ އަމަލުތައް ތަކުރާރުކުރަން ފަށައިފަ އެވެ.