އިޓަލީގެ ސިޓީއެއް ކަމަށްވާ މިލާންގެ މަގުތަކުގައި ދަންވަރު ޕިއްޒާއާއި އައިސްކްރީމް ވިއްކުން މަނާކުރަން އެސިޓީގެ ކައުންސިލުން މަސައްކަތް ކޮށްފި އެވެ.

މިލާންގެ މަގުތަކުގައި ހިންގާ ސްޓޯލްތަކުގައި ރޭގަނޑު ދަން ވަންދެން ވެސް ޕިއްޒާއާއި އައިސްކްރީމްގޭެ ވިޔަފާރި ކުރެ އެވެ.ސިޓީ ކައުންސިލުން މިކަން ހުއްޓުވަން ނިންމީ މިލާންގެ އާއްމު ސާފުތާހިރުކަމަށް ބަލާފަ އެވެ.

މިލާންގެ ކައުންސިލުން ފުރަތަމަ ނިންމީ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދަންވަރު އައިސްކްރީމްއާއި ޕިއްޒާ ވިއްކުން މަނާ ކުރާށެވެ.

އެހެން ނަމަވެސް އާއްމު ރައްޔިތުންނާއި މީޑިއާގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއެކު ކައުންސިލުން ވަނީ އެ ނިންމުން ބަދަލުކޮށް ދަންވަރު ޕިއްޒާއާއި އައިސްކްރީމް ވިއްކުން ހުއްދަ ކުރުމަށްފަހު އެގަޑީގައި ރަލާއި އެހެނިހެން ބުއިންތައް ވިއްކުން މަނާކޮށްފަ އެވެ.

މިއީ މިލާންގެ އިދާރާތަކުން ދަންވަރު ޕިއްޒާއާއި އައިސްކްރީމް ވިއްކުން މަނާކުރަން މަސައްކަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2013 ވަނަ އަހަރު ވެސް މިލާންގެ ކައުންސިލުން މިކަން ކުރަން މަސައްކަތްކޮށް ނާކާމިޔާބު ވެފައިވެ އެވެ.