މިހާތަނަށް ދުނިޔޭގައި ހުޅުވާ އެންމެ ބޮޑު ވޯޓާ ޕާކް ސައޫދީ އަރަބިއާގެ ގިއްދިއްޔާ ސިޓީގައި ހުޅުވަން އެގައުމުން ތައްޔާރު ވެއްޖެ އެވެ.

"އަކުއާރަބިއާ" ނަމަކަށް ކިޔާ އެ ވޯޓާ ޕާކުގައި މައިގަނޑު ހަތަރު ސްޓްރަކްޗާއެއް ހުންނާނެ އެވެ. އޭގެ ތެރޭގައި ވޯޓާކޯސްޓާއަކާއި ޑްރޮޕް ބޮޑީ ސްލައިޑްއާއި ވޯޓާ ސްލައިޑެއް ހިމެނެ އެވެ.

ހަމައެއާއެކު އެ ޕާކުގައި ދުނިޔޭގެ އެންމެ ފުރަތަމަ ފެނުއަޑީގެ ރޯލާކޯސްޓާ ވެސް އެކުލެވޭނެ އެވެ. އެ ކުޅިވަރުގެ ބައިވެރިންނަށް ފެނުއަޑީގައި ދަުރެއް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުންވެސް އެކި އުމުރުތަކާ ގުޅޭ ފެނުގެ އެކި ކުޅިވަރުތައް އެ ޕާކުގައި ހުންނާނެ ކަމަށާއި އެއީ އާއިލާތަކަށް އުފާވެރި ތަނަކަށް ވާނެ ކަމަށް ގިއްދިއްޔާ އިންވެސްޓްމަންޓް ކޮމްޕެނީއިން ބުނެ އެވެ.

މި ޕާކުގައި ބޭނުން ކުރެވޭ ފެނަކީ ރީސައިކަލް ކުރެވޭ ފެން ކަމަށާއި އިސްރާފު ވެގެންދާނެ ފެނެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ވޯޓާ ޕާކްއާއެކު ސައޫދީ އަރަބިއާގެ ފަތުރުވެރިަކަން ރަނގަޅުވެ އެ ގައުމަށް ޒިއާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.