ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅަން ސަރުކާރުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލް އަޅަން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވެނަ ފިޔަވަހީގަ އެވެ. "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހެލްތު މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު ޝައުފާ ހުސައިން ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމަށް 46،000 އަކަފޫޓުގެ ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލް އެޅުމަށް ލިބިފައިވާ ޕްރޮޕޯސަލްތައް ހެލްތު މިނިސްޓްރީން އަންނަނީ ދިރާސާ ކުރަމުންނެވެ. އަދި އެތަނުން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ކަނޑައަޅައި، އެއާއެއްގޮތަށް ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ދޭ ފަރުވާތަކުގެ ތެރޭގައި އައިޔޫއައި އާއި އައިވީއެފް ފަރުވާ ހިމެނެ އެވެ. އަދި އަންހެނުންނާއި މާބަނޑު މީހުންނަށް، ފެމިލީ ޕްލޭނިން އާއި މާބަނޑު މީހުންނަށް ދޭ ފަރުވާ އާއި ވިހެއުމުގެ ހިދުމަތާއި އަންހެނުންގެ ހާއްސަ ސާޖަރީތައް އެ ހޮސްޕިޓަލުން ކުރާނެ އެވެ.

ކުޑަކުދިންނަށް އިންޓެންސިވް ކެއާ، ތުއްތުކުދިންގެ ސާޖަރީ، ޑިވެލޮޕްމަންޓް އެސެސްމަންޓް ހެދުމާއި ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކުން، ވެކްސިން ޖެހުން އަދި ހެދިބޮޑުވުން މޮނިޓާކުރުމުގެ އިތުރުން ކުޑައިރު ޖެހޭ ބަލިތައް މެނޭޖްކުރުން ހިމެނެ އެވެ.

އުރަމަތި އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމާއި ރިޕްރޮޑަކްޓިވް ހެލްތު ސާވިސަސް، މެނޮޕޯސް މެނޭޖްކުރުމަކީ ވެސް އެ ހޮސްޕިޓަލުން ދޭނެ ހިދުމަތެކެވެ.

އެ ހޮސްޕިޓަލް އަޅަން ފަށާނެ ވަކި ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.