މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން 838 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އާސަންދަ ކޮމްޕެނީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ޖުމްލަ 838 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.8 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން ޚަރަދު ކޮށްފައިވަނީ 799 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އާސަންދައިން ބުނިގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 276،439 މީހުން ޚިދުމަތް ހޯދާފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚިދުމަތް ހޯދާފައި ވަނީ 273،434 މީހުންނެވެ.
އާސަންދަ ސްކީމުގެ ދަށުން އަވަސް ފަރުވާ ދިނުމަށް އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް ވެސް ޚަރަދު ކުރެ އެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ ސްކީމުގެ ދަށުން 1،599 ފަހަރަށް އިމަޖެންސީ ހާލަތުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން ފަރުވާއަށް ރާއްޖެއިން ބޭރަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 1691 މީހަކު އާސަންދަ ސްކީމުގެ ދަށުން ފޮނުވާފައިވާ ކަމަށް ވެސް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އާސަންދަ ސްކީމް ހަރުދަނާކޮށް އިތުރު ޚިދުމަތްތައް ވެސް އެ ސްކީމުގެ ދަށުން ލިބޭ ގޮތްތައް ހެދުމަށް ނިންމާފައިވެ އެވެ. އެގޮތުން، އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ސިއްހީ ޚިދުމަތް ދޭ ތަންތަނުން ނަގާ ފީތައް ބޮޑުކުރުމުން އާސަންދައިން ކުރަންޖެހޭ ހޭދަ ވެސް އިތުރުވެ އެވެ. އެހެންވެ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެވޭ ސިއްހީ ޚިދުމަތުގެ އަގު މުރާޖައާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެ އެވެ.