މިއީ މުހައްމަދު އުނައިޝް އާއި އޭނާގެ ލޯބިވާ އަންހެނުން މަރިޔަމް ޝަހުދާގެ ވާހަކަ އެވެ.

ލޯބިން ކައިވެނިކޮށްގެން އުޅުނު މި ދެމަފިރިންގެ ކައިވެންޏަށް އަހަރެއްވެސް ނުވަނީސް މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭ ޓީ ޖެޓިގައި ސަރަޙައްދުގައި ހުރި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ، ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ އެކު އެވެ.

އެ ހާދިސާގައި ފިހުނު ތިން މީހުންގެ ތެރެއިން އެކަކީ އުނައިޝެވެ. އޭނާގެ ހަށިގަނޑުގެ 65 އިންސައްތަ ފިހުނުއިރު ފަރުވާގެ ވަކި ހިސާބަކުން ޑޮކްޓަރުން ވެސް އުންމީދު ކަނޑާލާ ހިސާބަށް ހާލަތުދިޔަ އެވެ. ނަމަވެސް އެ ހުރިހާކަމެއް ކަޑައްތުކޮށް މިއަދު އޭނާ ދެފައިމައްޗަށް ކޮޅަށް އެހެރީ އާއިލާއާއި ލޯބިވާ އަނބިމީހާ ދިން ހިތްވަރުގެ ސަބަބުންނެވެ.

ރާއްޖެ އެމްވީ އަށް އުނައިޝް ކިޔާދީފައިވާ ގޮތުގައި އަލިފާނުން ސަލާމަތްވުމަށް ލޯންޗުން ފުންމާލުމަށްފަހު ފަތާފައި ދަނިކޮށް އެހެން ލޯންޗަކުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެއްގަމަށް އެރުމުން ވެސް އެހާ ބޮޑަށް ހަށިގަނޑު ފިހިފައި ހުރި ކަމެއް ނޭނގުނު ނަމަވެސް އަތުގެ ހަންގަނޑު ނެއްޓިފައި ހުރުމުން އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވި ކަމަށެވެ.

ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މުހައްމަދު އުނެއިޝް އާއި އޭނާގެ އަންހެނުން.

އެގޮތުން އަވަހަށް ޓެކްސީއެއް ހޯދުމަށް މަސައްކަތް ކުރި ކަމަށް އުނައިޝް ބުންޏެވެ. ނަމަވެސް ޓެކްސީގެ ޝީޓް ތެމި ގެއްލުން ވެދާނެތީ ލިބުނު ޓެކްސީއަށް އެރުވުމަށް ޑްރައިވަރު ދެކޮޅު ހެދި އެވެ. އޭނާ އަށް އެހީވީ ފަހަތުން އައި ކުޑަ ޕިކަޕެކެވެ.

ހަށިގަނޑުގައި ފިހުނު ތަންތަނަށް ފަރުވާ ހޯދުމަށް އުނައިޝް ވަނީ އިންޑިއާގައި ހަތްމަސް ދުވަސް ހޭދަކޮށްފަ އެވެ. ވޭނުގައި ކެތް ނުކުރެވިގެން އުޅޭ އިރު ވެސް އޭނާއާއި އެންމެ ކައިރީގައި ހިތްވަރު ދޭން ހުރީ އޭނާގެ އަންހެނުން ޝަހުދާ އެވެ. އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި އުނައިޝް އެޑްމިޓްކޮށްފައި އޮއްއިރު ދުވަހަކު ވެސް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިނުވާ ޝަހުދާ ދެއްކި ހިތްވަރަށް އައްސަރިބަހާ ސާބަސްދޭ ވަރުވެ އެވެ. ހިތްބަލިކަމަށް ފާހަގަކުރެވޭ އަންހެނުންގެ ފަރާތުން އުނައިޝްއަށް ފެނުނީ އާދަޔާ ހިލާފު ހިތްވަރެކެވެ.

ރާއްޖެ އެމްވީއަށް ދިން އިންޓަވިއުގައިވެސް އަންހެނުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށް އުނައިޝް ބުނީ ''ކޮންފިޑެންސް ލެވަލް ހައިވީ އަންހެނުން ދިން ހިތްވަރުން'' ކަމަށެވެ.

ޑޮކްޓަރުން އުންމީދު ކަނޑާލި އިރުވެސް ލޯބިވާ ފިރިމީހާގެ ހައްގުގައު ތަންފުކެއް ވެސް ދޫނުދީ އެންމެ ކައިރީގައި ހުރީ ޝަހުދާ އެވެ. ކައިވެންޏަށް އަހަރެއްވެސް ނުވަނީސް ދިރިއުޅުމަށް ކުރިމަތިވަތިވި ދަތި ބޮޑު އިމްތިހާނުން އަރައިގަތުމަށް ޝަހުދާ ދެއްކީ ތައުރިފު ހައްގު ނަމޫނާއެކެވެ.

ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މުހައްމަދު އުނެއިޝް އޭނާ ދުއްވި ލޯންޗު ކައިރީގައި މަޑުކޮށްގެން.

އުނެއިޝް ފާހަގަކުރި ގޮތުގައި ދިރިއުޅުމުގެ މިހިސާބަށް އައުމުގައި އަންހެނުން ކުރި މަސައްކަތާއި ދިން ހިތްވަރުގެ އަގު ދުވަހަކު ވެސް އަދާ ނުކުރެވޭނެ އެވެ.

ލޯބިވާ ފިރިމީހާއަށް އަލުން އެނބުރި އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމުގެ އުންމީދުގައި ހުރި ޝަހުދާގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހިއެއްޖެ އެވެ. އެ ދެމަފިރިން މިހާރު ދިރިއުޅެމުން ދަނީ ޝަހުދާގެ އުފަން ރަށް ކަމަށްވާ އއ. މަތިވެރީގަ އެވެ.

"ހުރިހާ" ގެ ޓީމުން އެދެނީ އުނައިޝްގެ ދެމަފިރިންނަށް ބާއްޖަވެރި ދިރިއުޅުމެއް މިންވަރުކުރެއްވުމަށެވެ.