ފަހުގެ ސޮފްޓްވެއާއެއް ބޭނުންކޮށްގެން އެކެއް ނުވަތަ ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެއްގަމު އުޅަނދުތަކަށް އަލުން ޑޮމެއިން ވިއްކަން ފަށާނީ ސައްހަ ނޫން ޑޮމެއިންތައް ދެނެގަނެ ކެންސަލަ ކުރުމަށްފަހުގައި ކަމަށެވެ. ޑޮމެއިން މެނޭޖްކުރާނެ ރަނގަޅު ސިސްޓަމެއް ހޯދުމުގެ އިތުރުން މިނިސްޓްރީގެ ތެރޭގައި ބޮއްސުންލާފައި ހުރި ކަންކަން ހައްލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 1،400 ޑޮމެއިން ގެންގުޅޭ އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ސައްހަ ނޫން ޑޮމެއިން ކަމަށެވެ.
މިނިސްޓްރީން ކުރިން ބޭނުންކުރަމުން އައި މެޓްރިކްސް ސިސްޓަމުގެ ތެރޭގައި ގިނަ ޑޮމެއިންތަކުގެ މައުލޫމާތު ފެންނަން ނެތް ކަމަށާއި، ޑޮމެއިން ދޫކުރުމަށް ގެންގުޅެފައިވަނީ މޮނީޓަރު ތިން ފޮތް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ވަރަށް ދެރަވަރު ކޮށް އެކަން އޮތީ އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރުގައި އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔަ މެޓްރިކްސް ސިސްޓަމް ނިޒާމުގެ ތެރެއިން ގިނަ ރެކޯޑްސްތަކެއް ނެތް. އަދި މި ހިދުމަތް ދީގެން އެ ވިޔަފާރި ނުވަތަ އެ ޑޮމެއިންތައް ވިއްކާފައި އެކަންތައް ކޮއްފައި ހުރީ މިގެންގުޅޭ ސްކޫލު އާދައިގެ ފޮތުގެ ގޮތުގައި ތިން ފޮތް،" އަމީން ވިދާޅުވި އެވެ.
އަމީން މީގެކުރިން ވިދާޅުވީ ފޭކް ޑޮމެއިންގެ މައްސަލަ ބޮޑުވެގެންދިޔައީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ ފަރާތުގެ މައްސަލައަކުންނޫން ކަމަށާއި، އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިންވެސް ބަޔަކު އިހުމާލުވެފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ސައްހަ ނޫން ގޮތުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތައް އެ ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިގެން ގާނޫނީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.