ހުޅުލެ ނެރު ކައިރިން ރޭ ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ އެވެ.

މެރިން ޕޮލިހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރޭ 11:00 ހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓްވެފައި ވަނީ ވަރުބައި އެޓްމޮސްފިއާގެ ލޯންޗަކާއި ރެހެންދި ކިޔާ ލޯންޗެކެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވުމާ ގުޅިގެން އެ މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ދެ ލޯންޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތަކެއް މިފަހުން ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި، އެމީހާ މަރުވެފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު ވިލިމާލެ ކައިރީގައި ދެ ލޯންޗު އެކްސިޑެންޓުވެ، 13 މީހަކަށް އަނިޔާވެފައިވެ އެެވެ.