ބިސްގަނޑެއް އަޅައި ނުދިން ކަމަށް ބުނެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ފަށައިފި އެވެ.

ސްރީލަންކާގެ ޖޯން ކީލްސް އިން ހިންގާ ސިނަމަން އެއްލައިދޫ ރިސޯޓްގައި، ސްރީލަންކާގެ ޝެފަކަށް 2019 ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާ މަރާލީ ބިސްގަނޑެއް އަޅައިދޭން އެދުމުން އެކަމަށް ދެކޮޅު ހެދުމުން ހިނގި ހަމަނުޖެހުމެއްގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެ މީހާ މަރާލި ސަރަހައްދުގައި އުޅުނު ފުލުހެއްގެ ހެކިބަސް ނަގައިފަ އެވެ. އަދި އެ މައްސަލާގެ ބައެއް ހެކިން މިހާރު ރާއްޖެއިން ބޭރުގައި ތިބުމުން އެ މީހުންގެ ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތަށް މިއަދު ވަނީ ކޯޓުން އަންގައިފަ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ މައްސަލަ ބާރު ސްޕީޑްގައި ކުރިއަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އަންނަ އޮކްޓޫބަރު މަހު މައްސަލަ ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.