ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން ނެރުނު ބަޖެޓު ޕޮޒިޝަން ރިވިއު ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ހިލޭ ބިން ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވާ ކަމަށެވެ. އަދި އެ ގެއްލުންތައް ފޫބެއްދަންޖެހެނީ ދިވެހި ދަޢުލަތުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފަ އެވެ.
އޭގެ ތެރެއިން ހުޅުމާލެއިން 1351 ގޯތި ދޫކުރާއިރު، މި ގޯތިތައް ހިލޭ ދޫކޮށްލުމުގެ ސަބަބުން 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ ދެމެދު ގެއްލުން އެޗްޑީސީއަށް ވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޑީސީއަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، ހަމަ އެކަނި ބިމުގެ އަގަށް ބަލާނަމަ 7.7 ބިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރެ އެވެ. އަދި މި ބިންތައް ވިޔަފާރި އުސޫލުން ދޫކުރުމުން ލިބެން އޮތް 3.3 ބިލިއަން ރުފިޔާގެ އާމްދަނީވެސް އެކުންފުންޏަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ބިންތަކުގެ ލިބުނު އާމްދަނީގެ ގެއްލުމުގެ ބަދަލުގައި ސަރުކާރުން "މާގިރިފަޅު" އަދި "ގަލުފަޅު" އެޗްޑީސީއަށް ދިނުމަށް ނިންމާފައިވާކަން އޮޑިޓް ރިޕޯޓުން އެނގެ އެވެ. އަދި ބިމުގެ އަގުގެ ގޮތުގައި ލިބުނު 7.7 ބިލިއަން ރުފިޔާގެ އާއި މެދު ވަކި ގޮތެއް ނިންމުމަށް ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގެއްލުމުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރަން ކަނޑައަޅާފައި ހުރި ގޮތުން މަގުތައް ކަނޑައި ނަރުދަމާއާއި ކަރަންޓު ވިއުގަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުމުން ހިނގާނެ ހަރަދުތައް ހިމަނާފައިނުވެ އެވެ.
ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ވަރަށް ގިނަ ގޯތި ހުރީ މަގުތައް މަތިންނާއި، ނަރުދަމާއާއި ކަރަންޓު ވިއުގަތަކުގެ މަތިން ދޫކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯތި ދޫކުރި ސަރަހައްދުގެ މަގުތައް ކަނޑައިގެން އަލުން ހަދަންޖެހުނެވެ. އެކަމަށް އެޗްޑީސީން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.
ދިވެހި ނިކަމެތި ރައްޔިތުންނަށް ގޯތި ދިނުމުން އެޗްޑީސީ އަށް ގެއްލުންވެގެން މިއުޅެނީ. ރައްޔިތުންއުޅޭ ޙާލު ނޭގެނީބާ. މުއްސަދިންނަށް ހުރިހާކަމެއް އޮންނަ ޤައުމެއް މިނޫނިއްޔާ އަދި ނުދެކެން. ކުރިން ބުނީ ލިބެން ނުޖެހޭ މީހުންނަށް ބިމާއި ފްލެޓް މިދިޔަ ސަރުކާރުން ބެހީޔޯ. ހުޅުމާލެއިން އެތަކެއް އަކަފޫޓްގެ ބިން ރާޖޫ އަށް ދިނީމަ ނުވި ގެއްލުމެއް ދިވެހި ރައްޔިތުންނަށް ބިން ދީގެން ވާންޖެހޭ ސަބަބެއް ވިސްނާ ވިސްނާ ނޭގުނު.