ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ސަރުކާރުން އެންގި އެންގުން އުވާލައި މަޝްރޫއުތައް އަލުން ފަށަން މިއަދު ހުއްދަ ދީފި އެވެ.

އެފަދަ މަޝްރޫއުތައް ހުއްޓާލަން މީގެކުރިން އެންގީ ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ގާ ހުދުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުން އަންނަ ކަމަށާއި ގާތަށް ހުދުވުން ވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލާޓް 1 އަދި 2 އަށް ވޮޗް ސްޓޭޖަށް މިހާރު ވަނީ ޓްރާންސިޝަންވެފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ގާ ހުދުވުމުގެ މިހާރުގެ ހާލަތު ބަދަލުވެފައި ވިޔަސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށެވެ. އެހެންކަމުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންގޮސް ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.

"މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގާ ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވެ އެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަ އެވެ. މިކަން ފާހަގަވެފައި ވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގަ އެވެ. އޭގެ ސަބަބެއް ކަމުގައި ބެލެވިފައި ވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލު އައުމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.