ހައްޖުގެ އަޅުކަމަކީ ކަންދެއްކުމުގެ ގޮތުން ކުރާ އަމަލެއްގެ ގޮތުގައި ނެހެދުމަށް ހައްޖު ޚުތުބާގައި ގޮވާލައިފި އެވެ.

އަރަފާތުގެ ބިމުގައި ހުންނަ މަސްޖިދުއްނަމިރާގައި މިއަދު އަރަފާތުގެ ޚުތުބާ ދެއްވަމުން މަސްޖިދުލް ހަރާމްގެ އިމާމެއް ކަމަށްވާ އަލްގާރީ ޑރ. އައްޝައިޚް މާހިރު ބިން ހަމަދު އަލްމުޢައިގިލީ ވަނީ ހައްޖުގެ އަޅުކަމަކީ ކަންދެއްކުމުގެ އަމަލަކަށް އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ އަމަލަކަށް ނުހެދުމަށް ގޮވާލައްވައިފަ އެވެ.

އިމާމު ވިދާޅުވީ ހައްޖުގެ އަޅުކަމަކީ ހައްޖުގެ ޝިއާރުތައް ފާޅުކޮށް މަނާސިކުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން ކަމަށެވެ. ދުންޔަވީ ކަންތައްތަކާއި ސިޔާސީ މަސްލަހަތުތައް ހައްޖުގެ އަޅުކަމުގެ ތެރެއަށް ނުވެއްދުމަށް ވެސް ގޮވާލެއްވި އެވެ.

އިސްލާމީ އުއްމަތުގެ ސަލާމަތްތެރިކަން އޮތީ މުސްލިމުންގެ މެދުގައި ބައިބައިވުން ހުއްޓުވައި، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް އިމާމު ފާހަގަކުރެއްވި އެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ހައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީސް ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެކެއްގެ ލެޔާއި ނަފްސު އަނެކާއަށް ހަރާމްވެގެންވާ ކަމާއި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެ އިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަން ހިމެނޭ ކަމަށް ޚުތުބާ ދެއްވަމުން އިމާމު ވިދާޅުވި އެވެ.

އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ހައްގަކާ ނުލައި މަރަމުންދާ ދިޔުން ކުށްވެރިކޮށް އެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުން އެ މީހުން ސަލާމަތްކޮށްދިނުމަށް އެދި ދުއާކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

ޒަކާތް ދިނުމާއި ފަގީރުންނާއި ނިކަމެތިންނަށް އެހީވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ޚުތުބާގައި އަލިއަޅުވާލާފައިވެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އެކި ގައުމުތަކުން 1.5 މިލިއަނަށްވުރެ ގިނަ މީހުން ގޮސްފައިވެ އެވެ. އޭގެތެރޭގައި ދިވެހި 1،150 އަށް ވުރެ ގިނަ ހައްޖާޖީން ހިމެނެ އެވެ.