މައްކާ (ޖޫން 19) - މައްކާ ހިމެނޭ ސަރަހައްދުގެ ހޫނުމިން މިދިޔަ ހޯމަ ދުވަހު ވަނީ 51.8 ޑިގްރީ ސެލްސިއަސް އަރާފައި ކަމަށާއި ގަދަ ހޫނަށް ކެތްނުކުރެވިގެން ހީޓް ސްޓްރޯކް ޖެހިގެން މިހާތަނަށް 577 ހައްޖާޖީން މަރުވެފައިވާ ކަމަށް ސައުދީ އަރަބިއާގެ ކަމާބެހޭ އޮފިޝަލުން ބުނެފި އެވެ.

ހޫނުގަދަވެގެން މަރުވި މީހުންގެ ތެރޭން 323 މީހުން ނިސްބަތްވަނީ މިސްރަށެވެ. ޖޯޑަން އިން ހައްޖަށް ދިޔަ މީހުންގެ ތެރޭން ވެސް 60 މީހުން ވަނީ ގަދަހޫނުގެ ސަބަބުން މަރުވެފަ އެވެ.

މިސްރުގެ ފޮރިން މިނިސްޓްރީން ބުނީ މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ގެއްލިފައިވާ ވެސް ވާ ކަަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ސައުދީގެ ކަމާބެހޭ އޮފިޝަލުންނާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

ސައުދީގެ ކަމާބެހޭ އޮފިޝަލުން ބުނެފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ހޫނުގަދަވެގެން ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅިގެން 2،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.

މައްކާގެ ހަރަމްފުޅު ހިމެނޭ ސަރަހައްދުގެ ހޫނުމިން ހޯމަ ދުވަހު ހުރީ 51.8 ޑިގްރީ ސެލްސިއަސް (125 ޑިގްރީ ފެރަންހައިޓް) ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. ހައްޖުވެރިންނަށް ފިނިކަން ފޯރުކޮށްދިނުމަށް ސައުދީން ގެންދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

ހޯމަ ދުވަހު ހޫނުގަދަވި ނަމަވެސް އެ ދުވަހު ހަވީރު ވަނީ މައްކާ ހިމެނޭ ސަރަހައްދަށް ވާރޭ ވެހިފަ އެވެ.

ގަދަހޫނުގެ ސަބަބުން، ހައްޖުގެ އަޅުކަމުގެ ތެރޭގައި މިދިޔަ އަހަރު މަރުވެފައި ވަނީ 240 މީހުންނެވެ.

މި އަންނަ އަހަރު ވެސް ހައްޖު ދިމާވާނީ ސައުދީ އަށް ހޫނު މޫސުމާ އެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ހައްޖު ދިމާވާނީ ރަބީއު މޫސުމާ އެވެ.