އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވިއިރު އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓިގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ފައިރޫޝް ރިޓަޔާކުރެއްވިއިރު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑާއި، ހޯމް މިނިސްޓްރީއަށް ވެސް އޭނައާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ފައިރޫޝް ރިޓަޔާކުރި މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތުގެ ކޮމިޓީ ނުވަތަ 241 ކޮމެޓީއަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ ދާދިފަހުން އެކުލަވާލި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ފާސްކޮށް، ތަސްދީގު ކުރައްވާފައި ވަނިކޮށް، އެ ގާނޫނުގައިވާގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔާ ކުރެއްވީ ހަތް މަސް ދުވަހު އެކަމަށް ތައްޔާރުވެވަޑައިގަތުމަށް ފަހު ކަމަށެވެ. އަދި އޭނާ ރިޓަޔާކުރައްވަން އުޅުއްވިއިރު ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހުތަކެއް ގެންނަން އުޅޭކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވިގޮތުގައި ފައިރޫޝް ރިޓަޔާ ކުރެއްވީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާއަތެއް ފުރިހަމަކުރެއްވުމަށްފަހު އެވެ.