މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންނަ މަހުގެ 20 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަނީ މައްޗަންގޮޅި މެދު ދާއިރާ، ހެންވޭރު ހުޅަނގު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ފުރުއްވަމުން ގެންދެވި ތިން ބޭފުޅުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުންނެވެ.

އެ ގޮނޑިތަކަށް ކުރިމަތިލާން ހުޅުވާލުމުން ވާދަކުރަން ފޯމު ހުށަހެޅީ ޕީއެންސީގެ ތިން ކެންޑިޑޭޓުންނާއި އެމްޑީޕީގެ ތިން ކެންޑިޑޭޓުންނެވެ.

މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެ އެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ހައްވާ ޝިފާނާ، މއ. ރިހިރާޅު / މާލެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން އެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓެވެ.

ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ އަލީ އައިމަން، ހ. ފުޖޭރާއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 އެވެ.